ސަރުކާރުގެ އެސްއޯއީތައް އިމާރާތްކުރުމުގެ ސިނާއަތުގެ ތެރެއަށް ވެއްދުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުގެ އެހެނިހެން ކަންކަމަށް ޙާއްސަކޮށްފައި ހުރި އެސްއޯއީތަކުން އިމާރާތްކުރުމުގެ ސިނާއަތައް ވަނުމަކީ ސަރުކާރުން ބާރުއަޅާ އަދި ކުރަން ބޭނުންވާ ކަމެއްވެސް ނޫންކަމަށެވެ. އަދި ސްޓެލްކޯ، ސިފްކޯ، ޕޮލްކޯ، އަދި ފެނަކަ ފަދަ ކުންފުނިތަކުން އިމާރާތްކުރުމުގެ ސިނާއަތުގެ ތެރެއަށް ވަނުމަށް އަދި ވެއްދުމަށްވެސް ސަރުކާރުން މަސައްކަތް ނުކުރާނެކަން މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ، ޕްލޭނިންގ މިނިސްޓްރީން ސަރުކާރުގެ އެސްއޯއީތަކަށް އެފަދަ މަސައްކަތްތައް ނުދޭނެކަމަށެވެ. ނަމަވެސް ދާދިފަހުން އެއްމަސައްކަތް ސިފްކޯއަށް ދިންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އެ މަސައްކަތް ސިފްކޯއާއި ހަވާލުކުރީ ސިފްކޯ ނޫންބަޔަކު ލައްވައި އެ މަސައްކަތް ކުރުމަށް ސަލާމަތީ ޙިދުމަތްތަކުން ދެކޮޅުހެދުމުންކަމަށެވެ.
"ޓެންޑަރަށް ލައިގެން ސަރުކާރުގެ އެސްއޯއީތަކަށް އެ މަސައްކަތް ދިނުމަކީ އަޅުގަނޑުމެން ކުރާކަމެއް ނޫން. ކޮންޓްރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެބަހުރޭ ލާފަ. ޤާނޫނީގޮތުން މަނާކަމެއްނޫން އެމީހުން އެކަން ކުރުމަކީ. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި އެމީހުން ވަދެގެން ނުވާނެ. އަދި ނުވަދެވޭ ގޮތައް ޤާނޫނެއް އޮތުމަކީވެސް ރަނގަޅުކަމެއް. އެއީ ވަކި ކަމަކަށް ހުރި ކަންކަން. އެތަންތަނުން ވިޔަފާރި ފުޅާކޮށް އެހެން ދާއިރާތަކަށް ވަދެ އުޅުމުން އެމީހުންގެ ފޯކަސް ގެއްލިގެންދާނެ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ، ސަރުކާރުގެ ވަކި ކަމަކަށް ޙާއްސަކޮށްފައި ހުންނަ ކުންފުނިތަކުން އިމާރާތްކުރުމުގެ ސިނާއަތުގެ ތެރެއަށް ވަނުމަކީ އެމީހުންގެ ޕޯކަސް ގެއްލިގެންދާނެކަމެއްކަމަށެވެ. އެކަމަށް ސަރުކާރުން އެއްވެސްގޮތަކަށް ބާރުނާޅާނެކަމަށެވެ.