ވިޔަފާރި

ޅ.އަތޮޅުގައި މިއަހަރު އިތުރު 2 ރިސޯޓެއް ހުޅުވަނީ


ޅ. އަތޮޅުގައި މިއަހަރު އިތުރު 2 ރިސޯޓެއް ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޢަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލެއާއި ދުރު އަތޮޅުތަކުގައި އަދި ފަތުރުވެރިކަން ނެތް އަތޮޅުތަކުގައި ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޢަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ޅ. އަތޮޅުގައި އިތުރު 2 ރިސޯޓް ހުޅުވިގެންދާނެކަމަށެވެ. އެއީ ޖުމްލަ 580 އެނދުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޅ.އަތޮޅަކީ ފަތުރުވެރިކަމަށް ވަރަށް ފަހި އަތޮޅެއް. އަޅުގަނޑު އުފާވެރި ޙަބަރެއްގެ ގޮތުގައި ދަންނަވަން އޮތީ މިއަހަރު ޅ. އަތޮޅުގައި އިރާދަކުރެއްވިއްޔާ 2 ރިސޯޓް ހުޅުވޭނެ. އެއީ 580 އެނދު" މިނިސްޓަރ ވިދާޅުވިއެވެ.

ޅ. އަތޮޅުގައި މިއަހަރު ހުޅުވާ 2 ރިސޯޓަކީ ދެރުއްފިނޮޅާއި، މާބިންހުރާއެވެ. ރާއްޖޭގައި މިވަގުތު 168 ރިސޯޓެއް އަންނަނީ ހިންގަމުނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު މުޅިން އަލަށް 2 ރިސޯޓެއް ވަނީ ހުޅުވާފައެވެ.