ތަރައްްޤީ

6 ރަށެއްގައި، ހައި ސްޕީޑް ފެރީތަކަށް ބޭނުންވާ ޕްލެޓްފޯމް ހަދަން އެމްޓީސީސީއަށް


ހައި ސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް، 6 ރަށެއްގައި ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

މި އެއްބަސްވުމުގެ ދަށުން އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމްތައް އެޅުމަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވާ ރަށްތަކަކީ ހއ.ކެލާ، ހއ.ހޯރަފުށި، ހއ.ދިއްދޫ، ހދ.ނޮޅިވަރަންފަރު، ހދ.ހަނިމާދޫ އަދި ކުޅުދުއްފުށިސިޓީއެވެ. އެކުންފުންޏާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ޒޯން އެކެއްގައި ފެރީގެ ޚިދުމަތް ދޭން އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ.

މި ޚިދުމަތަށް އެމް.ޓީ.ސީ.ސީން ބޭނުންކުރާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގައި ހިމެނޭ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެ ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެއްވެސްމެއެވެ.

އެގޮތުން އެއަރކޯންކޮށްފައިވާއިރު ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކޮށްފައި ހުރީ އެ ފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރެއެވެ. ފެރީގައި ފާޚާނާއާއި، ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަ ކުރެވިފައި ހުންނާނެއެވެ. އަދި އާރްޓީއެލް ގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ.