ކުޅިވަރު

މި ސީޒަނުގައި ފެނިގެންދާނީ މިހާތަނަށް ފެންނާނެ އެންމެ މޮޅު ކުޅުންތެރިން: ރަނޭ


ވޮލީބޯޅަ ސީޒަން މި މަހުގެ 20 ވަނަ ދުވަހު ފަށާއިރު، މި ފަހަރުގެ ސީޒަނުގައި ކުޅޭ ބިދޭސީ ކުޅުންތެރިންނަކީ މިހާތަނަށް އިންޑޯ ކޯޓުން ފެންނާނެ އެންމެ މޮޅު 18 ކުޅުންތެރިން ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ސީޒަނާ ގުޅޭ މައުލޫމާތު ދިނުމަށް ހ. ބޯޅަގޭގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަނޭ ވިދާޅުވީ ފިރިހެން ޑިވިޝަނުގައި ކުޅޭ ހަ ކްލަބަށް ބިދޭސީ ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެ ފުރުސަތުގައި ޓީމުތަކުގައި ޖަހާ ބިދޭސީ ކުޅުންތެރިންނަކީ ވީއޭއެމުން އެކުލަވާލާ ޕޫލުން ނެގޭ ކުޅުންތެރިން ކަމަށް ރަނޭ ވިދާޅުވިއެވެ. އަދި މި ކުޅުންތެރިން ކްލަބުތަކަށް ބެހިގެންދާނީ ގުރުއަތަކުން ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.

މިފަހަރުގެ ސީޒަނަށް އެކުލަވާލި ބިދޭސީ ކުޅުންތެރިންގެ ޕޫލުގައި ހިމެނެނީ އިންޑިއާގެ 18 ކުޅުންތެރިންނެވެ.

ރަނޭ ވިދާޅުވީ ބިދޭސީ ތިން ކުޅުންތެރިން ޖެހުމަށް ފުރުސަތު ދިނީ ދެ ސްޕައިކަރުން ނުވަތަ އެޓޭކް ކުރާ ދެ ކުޅުންތެރިންގެ އިތުރުން ކްލަބްތަކަށް ސެޓަރުން ހިމެނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފައިދާ ވާނީ ހަމައެކަނި ކްލަބްތަކަށް ނޫން ކަމަށާއި، މީގެ ފައިދާ ކުރާނީ ގައުމީ ޓީމަށް ކަމަށް ރަނޭ ވިދާޅުވިއެވެ.

ރަނޭ ވިދާޅުވީ ފިރިހެން ޑިވިޝަނުގެ ޓީމުތަކުގައި ބިދޭސީ ތިން ކުޅުންތެރިން ހިމަނަން ފުރުސަތު ދިން ކަމުގައިވީ ނަމަވެސް އަންހެން ޑިވިޝަނުގެ ކްލަބްތަކުގައި ހިމެނޭނީ ބިދޭސީ އެއް ކުޅުންތެރިއެއް ކަމަށެވެ. އެކަމަކު އެސޯސިއޭޝަން ކަޕަށް ފަހު އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ މުބާރާތަށް އަންހެން ކްލަބްތަކަށްވެސް އެ ފުރުސަތު ހުޅުވައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރަނޭ ވިދާޅުވިއެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕުގައި ފިރިހެން ޑިވިޝަނުގެ ހަ ޓީމު ވާދަކުރާއިރު އަންހެން ޑިވިޝަނުގައި 12 ޓީމެއް ވާދަކުރާނެއެވެ.