ޚަބަރު

ބައިގަރުނަށްވުރެ ގިނަދުވަސްވީ މަސައްކަތެއް ޖީލުންޖީލަށް


މީސްމީޑިޔާގެ އެކި މަންސަތަކުގައްޔާއި ޓިކްޓޮކާއި، ގިނަ ބައެއްގެ ޕްލޭ ލިސްޓުން ޖާގަ ހޯދި އެއްލަވައަކީ "ކަސަބުން ބޯވަޅު ކުރި ޖަރީ ހެދުން އަޅަމުން އަންނާށޭ....." މި ލަވައެވެ. އަޅުގަނޑު ދައްކަން މިއުޅޭ ވާހަކައަކީ ދިވެހި ލިބާހުގެ ވަހަކައެވެ.

ދިވެހި ލިބާހަކީ ދިވެހިންގެ އަމިއްލަވަންތަކަމާ ފަޚުރާ ޝަރަފުގެ ރަމްޒެކެވެ. އޭގައި އަޅާފައިވާ ކަސަބު ބޯވަޅަކީ ފަންނުވެރިކަމުގައި ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ގަތާ ފައިގައި ފެހި ރޮއްޖާއި ދޮން ރޮއްޖާއި ރަތް ރޮއްޖާއި ހިރު ގަތަމުން އޮމާންކުރަމުން ކަސަބު ގެތުމަކީ ވަރަށްވެސް ކަވި މަސައްކަތެކެވެ. މިއީ އިހު އެވޭލާ ދިވެހިން ވަރަށް ފަރުވާތެރިކަމާއެކު ކުރި ފަންނުވެރި މަސައްކަތެކެވެ.

ގދ.މަޑަވެރި އަސުރުމާގެ، ހަލީމާ ޤާސިމް (ކުއްދައިތާގެ ދިޔެ) އަކީ މީގެ ހަތްދިހަވަރަކަށް އަހަރު ކުރިން މުޅި ހުވަދު އަތޮޅަށް ނަންހިނގާ ސައްކަތްތެރިއެކެވެ. ދިވެހި އަންހެނުންގެ ސަޤާފީ ހެދުންކަމުގައިވި ދިވެހި ލިބާސް ޒީނަތްތެރިކޮށްދޭ ކަސަބު ބޯވަޅު ގެތުމުގައި ހުވަދުއަތޮޅުގައި ހަލީމާއަކީ ނަން މަޝްހޫރު ބޭފުޅެކެވެ. ހަލީމާގެ ނަން މަޝްހޫރުވީ އޭނާ ކަސަބު ބޯވަޅު ގެތުމުގައި ބެހެއްޓެވި ފަރުވާތެރިކަމާ، މަސައްކަތުގެ ފުރިހަމަކަމުންނެވެ.

އޭރު ގަތާ ފައިން ކަސަބު ބޯވަޅު ގަތަމުންދިޔަ މަންޒަރު ބަލަން ހަލީމާގެ އެންމެ ގާތުގައި އުޅުނީ ދަރިފުޅު ފާޠުމަތު ފަރިޔާޟެވެ. ނަތީޖާއެއްގެ ގޮތުގައި ހަލީމާގެ ގާތުން އެ މަސައްކަތް ދަސްކޮށް ހަލީމާ ދުނިޔެއާ ވަކިވުމުން ކަސަބު ބޯވަޅު ގެތުމުގެ މަސައްކަތް އާ ރޫޙެއްގައި ފެށީއެވެ.

މިހާރު ހަތްދިހައިގެ އަހަރުތައް ގުނަމުންދާ ފަރިޔާޟު ފެށި މަސައްކަތް އޭނާގެ ދަރިންނަށް ދަސްކޮށްދިނީ މިއީ އުވިގެންދާން ނޭދޭ އާއިލީ މަސައްކަތަކަށްވާތީއެވެ. ފަރިޔާޟުގެ ދަރިން ދަސްކުރީ ހަމައެކަނި ކަސަބު ބޯވަޅު ގަތާކަށް ނޫނެވެ. ލިބާސް ފެހުމާއި، ރުމާފަޅި ހެދުމަކީވެސް މިހާރު މި އާއިލާގެ މަސައްކަތެކެވެ.

ފަރިޔާޟު ކުރަމުން އައި މަސައްކަތް ދަސްކޮށްގެން އޭނާގެ ދަރިފުޅު ޝަރީފާ މުޙައްމަދު (63އަހަރު)އާއި ޝަރީފާގެ ދަރިފުޅު އާޝިފާ މުސްޠަފާވެސް އަންނަނީ ކުރަމުންނެވެ. އިހުގައި ގޭގެ ބޭރު ފެންޑާގައި ކުރަމުން އައި މިމަސައްކަތް މިހާރުވަނީ ވިޔަފާރިއެއްގެ ގޮތުގައި ފުޅާކޮށްފައެވެ.

"އާއިލާގެ ތެރޭގައި މިކަހަލަ ރީތި މަސައްކަތެއް މަންމެން، މާމަމެން ނެތް ދުވަހެއްގަވެސް އަޅުގަނޑުމެންގެ އާއިލާގެ ތެރޭގައި ހުއްޓާ ނުލާ ކުރިއަށްގެންދާނެ މަސައްކަތެއް. އަޅުގަނޑު ބޭނުންވާ މި މަސައްކަތް ކުރިއަށްގެންދަން" މިއަދު ފޭސްބުކުގައި ކަސަބު ބޯވަޅު އެޅުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ އާޝިފާ މުސްޠަފާ ކިޔައިދިނެވެ.

އާޝިފާޔާ އޭނާގެ އާއިލާއިން ގެންދަނީ މި މަސައްކަތް އުވި ދިޔަ ނުދީ ކުރިއަށް ގެންދާށެވެ. ވަކިން ޚާއްސަކޮށް ކަސަބު ބޯވަޅު ގެތުމުގެ އަސްލު ގޮތް ދެމެހެއްޓުމަށް އެއާއިލާއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އެކިއެކި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ސަތޭކައަށްވުރެ ގިނަ މީހުންނަށް މި މަސައްކަތްވެސް ވަނީ ދަސްކޮށްދީފައެވެ.

"ވަރަށް މުހިންމުކަމެއް އެއީ ލިބާހުގެ ޑިޒައިން. ވަކި މިންތަކަކަށް ވަކި ޑިޒައިނަކަށް ލިބާސް ކަނޑާނީވެސް. އެ މިންތަކަށް ކަނޑާފަ އޮންނަ ލިބާހަކަށް ނޫނިއްޔާ އެ ރީތިކަމެއް ނާންނާނެ. އަޅުގަނޑުމެން ފަހާ ލިބާސް ޚާއްސަވަނީ އަޅުގަނޑުގެ ނާހިދާ ދައްތަގެ މޮޅުކަމުން. ނާހިދާ ދައްތަގެ ފަރާތުން އަޅުގަނޑުވެސް ދަސްކުރީ." އާޝިފާގެ އާއިލީ މި މަސައްކަތުގެ ތެރެއިން ލިބާސް ފެހުމުގެ ވައްޓަފާޅި ކިޔައިދެއްވިއެވެ.

މި އާއިލާގައި ކުރަމުން އަންނަ ކަސަބު ބޯވަޅު ގެތުމާއި، ލިބާސްފެހުމާ، ރުމާފަޅިހެދުމުގެ މަސައްކަތް މުޅި ރާއްޖެއަށް ވާނީ ފެނިފައެވެ. ފަތުރުވެރިންނާ ހަމައަށްވެސް މިއާއިލާގެ މަސައްކަތް ވަނީ ގޮއްސައެވެ.

މާމަޔާ މަންމަޔާ އަދި ބޮޑުދައިތައިންގެ މަސައްކަތާއެކު އޮންލައިންކޮށް މިހާރު ކުރަމުން އަންނަ ދިވެހި ލިބާހުގެ ވިޔަފާރި އިތުރު ހަރުފަތަކަށް ގެންދިޔުމަކީ އެއާއިލާގެ ހުވަފެނެކެވެ. ދިވެހި ލިބާހުގެ ބައިތަކަށް ޚާއްސަ ގެސްޓު ޝޮޕެއް ހުޅުވުމަކީ މި އާއިލާގެ ހުވަފެނެކެވެ.