ޚަބަރު

ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ 3 ދުވަސް ވަންދެން ބައިދަނޑިއަށް


ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް ޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ޔޫ.އޭ.އީގެ ރައީސް ޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައި ވަނީ 2022 މޭ 14 ވާ ހޮނިހިރު ދުވަހުން ފެށިގެން 2022 މޭ 16 ވާ ހޯމަދުވަހުގެ ނިޔަލަށެވެ. ޔޫއޭއީގެ ރައީސް އަދި އަބޫ ދާބީގެ އިސްވެރިޔާ ޝޭޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާން އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އެމަނިކުފާނުގެ ޢާއިލާއަށް ވަނީ ތަޢުޒިޔާވިދާޅުވެފައެވެ.

ޢުމުރުފުޅުން 73 އަހަރުގެ ޝައިޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާން އަވަހާރަވިކަން ޔޫއޭއީގެ ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

ޔޫއޭއީގެ ރައީސް އަދި އަބޫ ދާބީގެ އިސްވެރިޔާ އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުކަމަށެވެ. އަދި ޔޫއޭއީގެ ރައީސަކީ ދިވެހިރާއްޖެއާ ވަރަށް ގާތްގުޅުމެއް ބޭއްވެވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާވަނީ ޔޫއޭއީގެ ޝާހީ ޢާއިލާއަށާ، އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ޝައިޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާން އަވަހާރަވުމާގުޅިގެން ޔޫއޭއީގެ ވެރިކަމާ ވަޤުތީގޮތުން ޙަވާލުވެވަޑައިގަންނަވާނީ އެ ޤައުމުގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ އިސްވެރިޔާ ޢުމުރުފުޅުން 72 އަހަރުގެ ޝައިޚު މުޙައްމަދު ބިން ރާޝިދު އާލް މަކްތޫމެވެ. ޔޫއޭއީގެ ރައީސްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ޤައުމުގެ ހަތް ރަށުގެ އިސްވެރިންގެ ބައްދަލުވުމެއް އެ ޤައުމުގެ ޤާނޫނުއަސާސީ ބުނާގޮތުން ބާއްވަން ޖެހޭނެއެވެ.

2004ވަނަ އަހަރުގެ ތެރޭގައި ޔޫއޭއީގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ޝައިޚު ޚަލީފާ ބިން ޒައީދު އާލް ނަހްޔާނަށް 2014ވަނަ އަހަރުގެ ތެރޭގައި ސްޓްރޯކެއް ޖެހިވަޑައިގަތުމުން ވެރިކަމުގެ މުޙިންމު މަސްޢޫލިއްޔަތުތައް ޢަދާކުރެއްވީ އޭނާގެ ވަލީޢަހުދު އަދި އެއްބަފާ ކޮއްކޯފުޅު ޢުމުރުފުޅުން 61 އަހަރުގެ މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނެވެ. އަބޫ ދާބީގެ އިސްވެރިޔާގެ މަޤާމާވެސް ދެން ޙަވާލުވެވަޑައިގަންނަވާނީ އޭނާއެވެ.