ޚަބަރު

ށ.މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރު


ށ. މިލަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނީ މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިމަހުގެ 7 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. ސަރުކާރުން މި މަޝްރޫ އެކުންފުންޏާ ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 200 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިލަންދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެރަށުގެ ކައުންސިލް އުފެދުނު ފަހުންވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ކައުންސިލްގެ ރައީސްވަނީ ހާމަކުރައްވާފައެވެ. ކަންމިހެން ގޮސް މިއަދާ ހަމައަށް އައިއިރު މިއަދުގެ ސަރުކާރުންވަނީ މިލަންދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އެމްޓީސީސީން ބުނީ މިމަސައްކަތްކުރަން ބޭނުންވާ ސާމާނު މިލަންދޫއަށް ގެންގޮސް މިހާރުވަނީ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

124 ހެކްޓަރުގެ މިލަންދޫއަކީ އެއަތޮޅު މާކަނޑޫދޫމީހުން މިހާރުވަޒަންވެރިވެގެން ދިރިއުޅެމުންދާ ރަށްވެސްމެއެވެ. އެ އަތޮޅަށް ބަލާއިރު މިލަންދޫއަކީ ބޮޑުު ރަށެއް ނަމަވެސް މިލަންދޫގައި މީހުން ވަޒަންވެރިވީސުރެ ރަށަށް ދިމާވަމުންއައި، ރަށްގިރުމުގެ މައްސަލައިގެ ސަބަބުން ބިމުގެ ޖާގަ ދުވަހެއް ދުވަހަކަށް ކުޑަވަމުން އަންނަކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.

ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ އެރަށުގެ އިރުމަތީ ފަރާތުން 70000 އަކަފޫޓް ގިރައިގެންގޮސް އަދި އެހިސާބުން ގިނަ އަދަދެއްގެ ގަސް ނެތި ގޮސްފައިވާކަމަށެވެ. އެރަށުގެ ގިރަމުންދާ ސަރަހަދަކީ މީހުން ދިރިއުޅޭސަރަހައްދާއިި، އަދި އިންޖީނުގޭވެސް ހުންނަ ސަރަހައްދެވެ. މިސަރަހައްދު ގިރައިގެންގޮސް މިހާރުވަނީ މޫދާ 30 ފޫޓަށް ކައިރިވެފައި ކަމަށް ކައުންސިލުން ހާމަކުރެއެވެ. ނަމަވެސް ސަރުކާރުން މިހާރު އެރަށުގައި ފަށަން ތައްޔާރުވެފައިވާ ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަސްރޫއާއެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ހާމަކުރިއެވެ.

މިލަންދޫ ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަޝްރޫޢުގެ ދަށުން 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 115 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ 36.69 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.