ޚަބަރު

މެލޭޝިއާގައި ތަމްރީނުވަމުންދާ ދިވެހި ޕްރިންސިޕަލުންނާ އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރައްވައިފި


ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން މެލޭޝިއާގައި ތަމްރީނުވަމުންދާ ދިވެހި ޕްރިންސިޕަލުންނާ، އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ބައްދަލުކުރައްވައިފިއެވެ.

މިއީ އެޑިއުކޭޝަން މިނިސްޓަރ މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. ޕްރިންސިޕަލުންގެ ސްކޮލަރޝިޕް އެވޯޑްކުރި ފުރަތަމަ ބެޗުގެ ޕްރިންސިޕަލުން ކިޔަވަމުންދަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ޔުނިވަރސިޓީ އޮފް މަލާޔާއިންނެވެ.

އެޑިއުކޭޝަން މިނިސްޓަރ ވަނީ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލަރޝިޕްގެ ދަށުން ތަމްރީންވަމުންދާ ފަރާތްތަކާއި ބައްދަލުކުރައްވާ އެބޭފުޅުންގެ ކިޔެވުން ކުރިއަށްދާގޮތް އޮޅުންފިލުއްވާފައެވެ. އަދި ކޯހުގެ ކިޔެވުންދަނީ ވަރަށް ރަނގަޅަށްކަން އެބޭފުޅުން ފާހަގަކުރެއްވިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީންކުރުމަށް ހިންގާ ސްކޮލަރޝިޕް ޕްރޮގްރާމަކީ ރޭވުންތެރިކަމާއި އަދި ދެމެހެއްޓެނިވިގޮތެއްގައި ޤާބިލު ޕްރިންސިޕަލުން އުފެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި ޕްރޮގްރާމެެކެވެ. 3 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ހުރިހާ ޚަރަދެއް ކުރާނީ ސަރުކާރުންނެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ޕްރިންސިޕަލުންނަށް އެކަމުގެ ލިޔުން ޙަވާލުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 3 ވަނަ ދުވަހުއެވެ.

އަލަށް ތަޢާރަފުކުރެވުނު މި ސްކޮލަރޝިޕް ޕްރޮގްރާމުގެ ސަބަބުން މިހާރު ދާއިމީ ޕްރިންސިޕަލުން ނެތް އަދި ބިދޭސީ ޕްރިންސިޕަލުން ތިބި ސްކޫލްތަކަށް ފެންވަރު ރަނގަޅު ތަމްރީން ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި ހަމަޖެހިގެން ދިއުމަކީ އަމާޒެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.