ޚަބަރު

ރައީސް ސާލިހް، ސްރީލަންކާގެ އައު ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވެއްޖެ


ސްރީލަންކާގެ ބޮޑުވަޒީރުކަމަށް ރަނިލް ވިކްރަމަސިންހަ އައްޔަން ކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރަނިލްއަށް މަރުޙަބާ ވިދާޅުވެ ރައީސް ސާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަނިލް ވިކްރަމަސިންހައިގެ ބޮޑުވަޒީރުކަމުގެ ދަށުން މިހާރު ސްރީލަންކާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރައްވާނެކަމަށް ޔަޤީން ކުރައްވާކަމަށާއި އެ ޤައުމަށް އަމާންކަން ގެންނަވާނެކަމަށެވެ.

ސްރީލަންކާގެ ބޮޑުވަޒީރުކަމަށް ރަނިލް ވިކްރަމަސިންހަ އަނެއްކާވެސް އައްޔަން ކުރައްވާފައި މިވަނީ ސްރީލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޢުމުރުފުޅުން 73 އަހަރުގެ ރަނިލްވަނީ މީގެ ކުރިން ހަތަރު ފަހަރެއްގެމަތިން ސްރީލަންކާގެ ބޮޑުވަޒީރުކަން ކުރައްވައިފައެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ އެ މަޤާމު ފުރުއްވާފައިވަނީ 1993ވަނަ އަހަރުގެ މެއި 7ވަނަ ދުވަހުން 1994ވަނަ އަހަރުގެ އޮގަސްޓު 18ވަނަ ދުވަހަށެވެ. އޭނާ އެންމެފަހުން އެ މަޤާމުގައި ހުންނެވީ 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15ވަނަ ދުވަހުން 2019ވަނަ އަހަރުގެ ނޮވެންބަރު 21ވަނަ ދުވަހަށެވެ