ސޫރިޔާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެޤައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްޙައިގެ ވާހަކަތަކުގެ ތާރީޚު ލަސްވެގެންނުވާނެ ކަމަށް އެމެރިކާއާއި ރަޝިޔާއިން ބުނެފިއެވެ. އެ ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުންވެސް ވިދާޅުވީ މިމަހުގެ 25 ގައި ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަތައް އެއަށްވުރެ ފަސްކުރުމުގެ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާނެ ކަމަށެވެ.ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ފެށުން މިމަހުގެ 25 އަށް ވުރެ ލަސްވެދާނެކަމުގެ ކަންބޮޑުވުން އުފެދިފައި މިވަނީ އދ. ން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސްޓެފާން ޑި މިސްތޫރާ އެކަމަށް އިޝާރާތް ކުރައްވައި ދެއްވި ބަޔާނާއި ގުޅިގެންނެވެ. ޑި މިސްތޫރާ ވިދާޅުވީ މިހާރު ކަންތައްތައް ހުރިގޮތުން ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ފެށުމަށް ކަނޑައަޅާފައިވާ ތާރީޚުގައި އެވާހަކަތައް ނުފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ސޫރިޔާގެ އިދިކޮޅު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅެއްކަމަށްވާ ރިޔާޒް ޙިޖާބް ވަނީ ސޫރިޔާގެ ރައްޔިތުން ވައިގެ ޙަމަލާތަކުގެ ސަބަބުންނާއި ޙިސާރުގެ ފިޔަވަޅުތަކާއި ގުޅިގެން ކުރިމަތިވާ ހައިހޫނުކަމުގައި މަރުވަމުންދާއިރު ސޫރިޔާ ސަރުކާރާއިއެކު ސުލްޙައިގެ މޭޒުދޮށުގައި އިށީނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުން އިންތިޒާމް ކުރާ ވާހަކަތަކެކެވެ. މިކަމުގައި ސަލާމަތީ މަޖިލީހުގެ ފަރާތުން އިސްކޮށް އުޅުއްވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯވްއެވެ. މިދެބޭފުޅުން ސްވިސްޓްޒަލޭންޑްގެ ޒިޔުރިޚް ގައި ބުދަދުވަހު ބައްދަލުކުރެއްވުމަށްފަހު ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯވް ވިދާޅުވީ ސޫރިޔާގެ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް އެތައް ތާރީޚެއް ހުށައެޅުނުކަމަށާއި ނަމަވެސް އެންމެފަހުން އެކަމަށް އެއްބަސްވެވުނު ތާރީޚަކީ މިމަހުގެ 25 ކަމަށެވެ. މިތާރީޚު ހަމަޖެއްސީ އދ. ން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސްޓެފާން ޑި މިސްތޫރާގެ މަޝްވަރާގެ މަތިން އދ. ގެ ސެކްރެޓެރީ ޖެނެރަލް ބަންކީ މޫން ކަމަށާއި އަދި ކަނޑައެޅިފައިވާ މުއްދަތުގައި މި ވާހަކަތައް ފެށޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ލާވްރޯވް ވިދާޅުވިއެވެ.ޒިޔުރިޚްގެ ބައްދަލުވުމަށްފަހު އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވީ ސޫރިޔާގެ މައްސަލަ ޙައްލުކުރެވޭނީ ސުލްހައިގެ ވާހަކަތައް ދައްކައިގެން ހޯދާ ކުރިއެރުންތަކަކުން ކަމަށް އޭނާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރު އެއްބަސްވެ ވަޑައިގެންނެވިކަމަށެވެ. އަދި ސޫރިޔާގެ ހަނގުރާމައިގާ ޙިސާރުކޮށްފައިވާ ސަރަހައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް ބާރުއެޅުމަށް ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ކިބައިން އެދިވަޑައިގެންވައިވާނެ ކަމަށްވެސް ޖޯންކެރީ ވިދާޅުވިއެވެ. ސޫރިޔާގެ ސުލްހައިގެ ވާހަކަތައް ފެށުމަށް އެންމެ 4 ދުވަހަށް ވެފައިވާއިރު އިދިކޮޅު ފަރާތްތަކުގެ ވަފްދުގައި ހިމަނާނެ ބޭފުޅުން ކަނޑައެޅުމުގައި ސޫރިޔާ ސަރުކާރަށް ތާއީދުކުރާ ރަޝިޔާއާއި އީރާނާއި އަނެއްކޮޅުން އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ސައޫދީ އަރަބިޔާއާއި ދެމެދުގައިވާ ދެބަސްވުންތައް އަދިވެސް ޙައްލު ކުރެވިފައެއް ނުވެއެވެ. މިދެބަސްވުންތަކާއި ގުޅިގެން އިދިކޮޅު ވަފްދު އަދި އެކުލަވާލެވިފައިނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.