ޚަބަރު

ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އިތުރު ކުރި ޖާގައިގައި ޚިދުމަތް ފަށަން ތައްޔާރުވަނީ


ގދ، ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށް، ސަރުކާރުން އެ ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މިމަޝްރޫޢުގެ ދަށުން އެ ކުންފުންޏަށް 3 މަސައްކަތެއް ކުރުމަށް ހަވާލުކުރިއެވެ. އެއީ އޯޕީޑީ ޢިމާރާތެއް ހެދުމާއި ވިއްސާ ކޮޓަރި ހެދުމަށް އިމާރާތެއް ހެދުމުގެ މަސައްކަތެވެ. އަދި އިމަރޖެންސީ ރޫމް މަރާމާތުކުތުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.މި މަޝްރޫއުގެ ދަށުން ބޮޑު ބައެއް މިހާރު ވަނީ ނިންމާލާފައެވެ.

އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަކީ މިޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭޖެހުން ކުޑަކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތެކެވެ. އެގޮތުން އަތޮޅުތަކުގެ 5 ހޮސްޕިޓަލެއް ޒަމާނީ ޚިދުމަތްތަކާއެކު ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. މީގެތެރެއިން ބައެއް ހޮސްޕިޓަލްތަކުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ސަރުކާރުން މިހާރުވެސްވަނީ ފަށާފައެވެ.

ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމި ހޮސްޕިޓަލްތަކުގެ ތެރޭގަ ގދ.ތިނަދޫގަ ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މިހާރުވެސް އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން އަންހެނުންގެ ބަލިތަކާ، ކުޑަކުދިންގެ ޚާއްސަ ބަލިތަކާ، ކަށީގެ ބަލިތަކާ، ހަމުގެ ބަލިތަކާ، ކަރުންމަތީގެ ބަލިތައް އަދި ދަތުގެ ފަރުވާވެސް އެ ހޮސްޕިޓަލުން ލިބެއެވެ. މީގެއިތުރަށް އެކްސްރޭއާއި އެކި ކަހަލަ ޓެސްޓުތައް ހެދުމުގެ ޚިދުމަތްވެސް ލިބެއެވެ.

އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއްގެނައުމުގެ ގޮތުން މުޅިން އައު ދެ އިމާރާތެއްގެ މަސައްކަތް އެމްޓީސީސީން ފެށީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު މި މަޝްރޫޢުގެ ދަށުން އޯޕީޑީގެ 14 ރޫމް އިމާރާތުގެ މަސައްކަތާއި ވިއްސާ ކޮޓަރީގެ 4 ކޮޓަރި ހިމެނޭ އިމާރާތުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރިތައް ހިމެނޭ އިމާރާތުގެ މަސައްކަތް ބޭނުންކުރެވޭ ފެންވަރަށް ނިމިފައިވާކަމަށެވެ. އަދި ނިމުނު ތަންތަން ހެލްތު މިނިސްޓްރީއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އާޒިމް ވިދާޅުވީ އީއާރްގެ މަސައްކަތްތައްވެސް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

"އީއާރްގެ މަސައްކަތްތައް ފެށެން އަންނަނީ މިހާރު އެ މަސައްކަތްތައް އޯޕީޑީއަށް ބަދަލުކުުރުމުން، އެއާއެކު އެ މަސައްކަތް ފަށާ 6 ވަރަކަށް މަސްދުވަހުގެތެރޭގައި މަސައްކަތް ނިންމާލެވޭނެ." އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

ހޮސްޕިޓަލަށް އަލަށް އިތުރު ކުރާ ބައިގެ މަސައްކަތްތައް ނިމުމާއެކު ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ މި މަސައްކަތްތަކުގެ އިތުރުންވެސް އެ ހޮސްޕިޓަލުން އިތުރު ޚިދުމަތްތައްވެސް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރާނެކަމަށެވެ، އަދި މިހާރުވެސް ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ގޮތުގައި، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތް ފެށީ 2000ވަނަ އަހަރުއެވެ. ތިނަދޫގެ 7500އާ ގާތްކުރާ އާބާދީގެ އިތުރުން، އެ ސަރަޙައްދުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ސިއްޙީ ޚިދުމަތަށް ބަރޯސާވަނީވެސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.