ކުޅިވަރު

ވެލެންސިއާ އަލުން ގަދަ ހަތަރަކަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަސް މެޗު މޮޅުނުވެ ދިޔުމަށްފަހު ކުލަބު ވެލެންސިއާއިން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ހަމައަކަށް އެޅިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ވެލެންސިއާއިން ދަ ގްރާންޑޭގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 28 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާނު)އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އާކިބްއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާއިން ވަނީ ތިން ލަނޑު ޖަހައިފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ވެލެންސިއާއަށް ލީޑު ފުޅާކޮށްދިނީ ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިންއެވެ. އަދި މެޗުގެ 89 ވަނަ މިނެޓުގައި ބޯހަސް ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ. މި މެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ. މިއީ އަނިޔާއިން ސަލާމަތްވެ ސެންޓޭ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި ނަތީޖާއާއެކު ވެލެންސިއާ ވަނީ ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ. ވެލެންސިއާއަށް ކުޅުނު 12 މެޗުން 16 ޕޮއިންޓް ވަނީ ލިބިފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއަށް 12 މެޗުން 33 ޕޮއިންޓް ވަނީ ލިބިފައެވެ. އަދި ދެވަނައިގައި އޮތް އީގަލްސްއަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ޓީސީއަށް 12 މެޗުން 17 ޕޮއިންޓް ވަނީ ލިބިފައެވެ.