ޚަބަރު

ސްރީލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިއްޖެ


ސްރީލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިއްޖެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ސްރީލަންކާއަށް ބޭސްފަރުވާއަށް ގޮސް އުޅުނު އުމުރުން 62 އަހަރުގެ އިބްރާހީމް ޢަލީ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ކިޑްނީ ބަލީގެ މީހެކެވެ.

އިބްރާހީމް ޢަލީ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދި ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓެއްގައި ބުނެފައިވަނީ ޢީދު ދުވަހު ދެހިވަލަ މިސްކިތް ކައިރިއަށް ދިޔަގޮތަށް އިބްރާހީމްގެ ޚަބަރެއް އާއިލާއަށް ނުވާކަމަށެވެ. އެހެންނަމަވެސް އޭނާ މިހާރު އާއިލާއަށް ފެނިފައިވާކަމަށް ފޮރިން މިނިސްޓްރީން މިއަދު ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އޭނާ ފެނިފައިވަނީ އެ މިނިސްޓްރީގެ ކޮންސިއުލާ ސްޓާފުން ކޮލަމްބޯގެ އެކި ހޮސްޕިޓަލްތަކަށް ގުޅުމުގެ ތެރެއިން، އެ ސަރަޙައްދުގައި ހުރި ހޮސްޕިޓަލަކުން ފަރުވާ ހޯދަމުންދަނިކޮށްކަމަށެވެ. އަދި އޭނާއަށް ގެއްލުނުފަހުން ފެނުމާއި ހަމައަށް އެއްވެސް ހާނީއްކައެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.