ޚަބަރު

ދިވެހިބަހުގެ ރަދީފް އެޕްލިކޭޝަން އިފްތިތާހުކޮށްފި


ދިވެހިބަހުގެ އެކަޑަމީން ފޯނުތަކަށް ބޭނުންކުރެވޭގޮތަށް 36597 ލަފްޒާއެކު ފަރުމާކުރި ދިވެހި ބަހުގެ ރަދީފް އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ.

ރޭ ބޭއްވި ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ތަރިކަ އާއި ސަގާފަތާއި ތާރީޚާ ބެހޭ ވަޒީރު ޔުމްނާ މައުމޫނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ އިފްތިތާހު ކުރެވިގެންދިޔަ ދިވެހިބަހުގެ ރަދީފް އެޕަކީ ޒަމާނީ ޓެކްނޮލޮޖީގެ މަންސަތަކުގައި ދިވެހިބަސް ކުރިއަރުވާ، ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އުފެދިގެން އަންނަ އީޖާދީއުފެންދުން ތަކުގައި ދިވެހިބަސް ހިމެނުމަށް ކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ މި އެޕަކީ ދިވެހި ބަސްފޮތް ފަސޭހަކާއެކު ބޭނުން ކުރެވި އޭގޭ މަންފާ ގިނަބަޔަކަށް ކުރާނެހެން ފަހިކުރެވުނު މަގެއްކަމަށެވެ. މިފަދަ އެޕެއް ތައާރަފް ކޮށްދެއްވީތީ އެކަމަނާ ވަނީ މި އެޕްލިކޭޝަން ފަރުމާކުރި މޯލްޑިވްސް ކޮމްޕިއުޓާ ސޮސައިޓީގެ ރައީސް އަޙްމަދު ނަދީމަށް ޝުކުރުއަދާކޮށްފައެވެ.

"ކުރިޔަށް އޮތްތާ މިއެޕައް އިތުރުބާބެއް އިތުރު ކުރެވިގެން ދާނެ، އޭގެ ތެރޭގައި އެއްމާނައެއް ދެހަވާ ބަސްބަހާއި އިދިކޮޅު މާނަ ދޭހަވާބަސް އަދި އެއްބަހުން ކުރިލާފައިވާ އެހެން ބަސްބަސް ހޯދުންފަދަ ކަންކަން މި އެޕައް އިތުރު ކުރެވިގެން ދާނެކަމަށް މައުލޫމާތުލިބޭ" ޔުމްނާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ ރޭ ތައާރަފް ކުރެވިގެން ދިޔަ ދިވެހި ބަހުގެ ރަދީފު އެޕްލިކޭޝަންގައި 36،597 ލަފުޒު ހިމެނޭނެކަމަށެވެ. މީގެ އިތުރުން 53 ހާހަށްވުރެ ގިނަ މާނަ އަދި 234،433 ލަފްޒުތަކާއި މާނަތައް އިސްލާހު ކޮށްފައިވާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

"ވަގުތުން ވަގުތަށް ގެނެވޭ ކޮންމެ އިސްލާހެއް ތިޔަބޭފުޅުންގެ އެޕައް ވަގުތުން ވަގުތަށް ލިބޭނެ، ތިަޔަބޭފުޅުނަށް ކުށެއް ފާހަގަ ކުރެވިއްޖެއްޔާ އަޅުގަނޑުމެނަށް ފޮނުވާލަ ދެއްވާ " ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވިއެވެ

.ރޭ ބޭއްވި ވާހަކަދެއްކުމުގެ 35 ވަނަ ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިބަހުގެ ދުވަސް ފާހަގަކުރުމާއި، އެ އެކެޑަމީން ބޭއްވި ބައެއް މުބާރާތްތަކުގެ ނަތީޖާވެސް ވަނީ ފާޅުކޮށްފައެވެ. އެގޮތުން އެ އެކަޑާމީއާއި ވީޓީވީ ގުޅިގެން ބޭއްވި ތާރީޚު މުބާރާތުގެ އިނާމު ދިނުމާއި ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އަތުލިޔުމުގެ މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް އިނާމުދިނުމާއި އަދި މަޒުމޫނު ލިޔުމުގެ 36 ވަނަ ގައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ 33 ވަނަ ގައުމީ މުބާރާތުގެ ނަތީޖާވެސް ވަނީ ފާޅުކޮށްފައެވެ.