ޚަބަރު

ޕީއެސްއެމްގެ ޗެނަލްތަކުން މާދަމާ ހަބަރާއި ޕްރޮގްރާމްތައް ގެނެސްދޭނީ ކުޑަކުދިން


ކޮންމެ އަހަރެއްގެވެސް މެއިމަހުގެ ދިހަވަނަ ދުވަސް ޕީއެސްއެމްއިން ފާހަގަކުރަނީ ކުޑަކުދިންގެ ބްރޯޑްކާސްޓިން ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރަނީ ރާއްޖެއާއި ދުނިޔޭގައި މީޑިއާގެ ދައުރު ފުޅާވެ ކުރިއަރާއިރު އޭގެ ރަނގަޅު އަސަރުތަކަށް ކުޑަކުދިން އަހުލުވެރިކުރުމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ވެއްޓަކީ ކުޑަކުދިންނާ ރައްޓެހި ވެއްޓަކަށް ހެދުމަށެވެ.

ބްރޯޑްކާސްޓްކުރުމަކީ ރާއްޖޭގައި ފުޅާވެ ތަރައްޤީވަމުން އަންނަ ކަމަކަށްވުމުން ރާއްޖޭގެ ކުރިޔަށް އޮތް ޖީލުތަކުގައި ބްރޯޑްކާސްޓްކުރުމުގެ މަސައްކަތްތަކަށް ފަރިތަ އަދި އެކަން ރަނގަޅު ގޮތުގައި ދެމެހެއްޓުމުގެ ވިސްނުން ހުރި ބަޔަކު ތިބުމަށް މަގުފަހިކުރުމަކީވެސް މި ދުވަސް ޕީއެސްއެމުން ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.

1992 ފެށިގެން އެތައް އަހަރެއްވަންދެން ޓީވީ މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑުން ބައިނަލްއަޤުވާމީ ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކުރިއެވެ. އެހެންނަމަވެސް މިކަން މެދުކެނޑިފައި އޮތުމަށްފަހު ޕަބްލިކް ސަރވިސް މިޑިއާއިންވަނީ 2016 ވަނަ އަހަރު އަލުން މިދުވަސް ފާހަގަކުރަން ފަށާފައެވެ. އެގޮތުން ޕީ.އެސް.އެމްގެ ދުވާލުގަޑިތަކުގެ ޚަބަރު ގެނެސްދިނުމާއި ތަފާތު ޕްރޮގްރާމްތައް ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރަނީވެސް ކުޑަކުދިންނެވެ. އަދި ޚަބަރާއި ރިޕޯޓްތައް ތައްޔާރުކުރުމުގައިވެސް ކުޑަކުދިންގެ މުހިންމު ދައުރެއް ފެނިގެން އަދި އިވިގެންދާނެއެވެ.

މިގޮތުން ކޯވިޑް-19ގެ ސަބަބުން ފާއިތުވި ދެއަހަރު މި ދުވަސް ފާހަގަ ނުކުރެވުނަމަވެސް މިއަހަރު އަނެއްކާވެސް މިދުވަސް ކުލަގަދަކޮށް ޕީއެސްއެމް ނިއުސްއިން ފާހަގަކުރާނެއެވެ. މާލޭގެ ސްކޫލްތަކުން ހޮވާލެވުނު 23 ކުދިންނާއެކު ޕީއެސްއެމް ނިއުސްގެ ބައެއް ޕްރޮގްރާމްތަކާއި ޚަބަރުތައް މާދަމާގެ ހެނދުނު 6:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ގެނެސްދޭނެއެވެ.

މިދުވަސް ފާހަގަކުރުމަށް ދުރާލާ ޕީއެސްއެމް ނިއުސްއިން ވަނީ ތައްޔާރުވެފައެވެ. އެގޮތުން ޢީދު ބަންދުގެ ހަފްތާގެ ދުވަސްތަކުގައި އެކުދިން ގިނަ ވަގުތު ހޭދަކޮށްފައިވަނީ ތަމްރީން ހޯދުމަށެވެ. ދުވާލުގެ އެކި ވަގުތުތަކުގައި ޕީއެސްއެމް ނިއުސްއަށް އައިސް ރިޕޯޓް ލިޔުމާއި، ކިޔުމާއި ޕްރޮގްރާމް ހުށައެޅުމުގެ އިތުރަށް ޚަބަރު ކިޔުމަށް އެކުދިން ގެންދިޔައީ ތަމްރީން ވަމުންނެވެ. އެހެންކަމުން މިފަހަރުގެ މިދުވަހުވެސް އެކުދިން އަމިއްލައަށް ލިޔެ އަޑު އަޅާފައިވާ ރިޕޯޓްތައް ބްރޯޑްކާސްޓް ކުރާނެއެވެ. އަދި ދިވެއްސާއި އިނގިރޭސި ބަހުން ޚަބަރު ހުށައަޅާދޭނެއެވެ. ހަމަ އެހެންމެ ޕްރޮގްރާމްތައްވެސް އެކުދިން ހުށައަޅާދޭނެއެވެ.

ރާއްޖޭގައި ކުރިންވެސް ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކޮށްފައިވެއެވެ. މި ދުވަސް އޭރު ފާހަގަކުރީ އދ.ގެ ކުޑަކުދިންނާބެހޭ ޖަމްޢިއްޔާއިން ނިންމި ނިންމުމަކާ ގުޅިގެން ނަވާރަސަތޭކަ ނުވަދިހަ ދޭއްގައެވެ. އެ ދުވަސްވަރު، ރާއްޖެވެސް ހިމެނޭގޮތުން ސަތޭކަ ބާރަ ޤައުމަކުން އެއްހާހަށްވުރެ ގިނަ ޓީވީ އަދި ރޭޑިއޯ ސްޓޭޝަނުން މި ދުވަސް ފާހަގަކޮށްފައިވެއެވެ.

މި ދުވަސް ފާހަގަކުރުމަށް އދ.އިން ކަނޑައެޅީ، ބްރޯޑްކާސްޓަރުންނަކީ ކުޑަކުދިންގެ ޙާލަތު ރަނގަޅުކޮށް ތަޢުލީމާއި އެކުދިންގެ މުނިއުފަލަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ފަރާތްތަކެއް ކަމަށް އެޖަމްޢިއްޔާ ޤަބޫލުކުރާތީއެވެ. އަދި ކުޑަކުދިންގެ ބޭނުންތައް ބޮޑެތި މީހުންނަށް މީޑިއާ މެދުވެރިކޮށް ބުނުމުގެ ފުރުޞަތު ކުޑަކުދިންނަށް ލިބިދިނުމަށްޓަކައެވެ. އޭރު މި ދުވަސް ފާހަގަކުރީ ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ.