ލ.ގަމުގައި އަޅާ ކެންސަރ ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެއްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިންޑީއާގެ އެހީގައި ގަމުގައި އަޅާ ކެންސަރ ހޮސްޕިޓަލް އެޅުމަށް ދައުލަތުގެ ބަޖެޓުގައި ވަނީ 98 މިލިޔަން ރުފިޔާއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ ލ.ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލް ވަކި އިމާރާތެއްގެ ގޮތުގައި އެޅިނަމަވެސް، އެތަނުން ހިދުމަތް ދޭނީ އެ ރަށުގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލާ ގުޅިގެންކަމަށެވެ. މިގޮތުން ގަމުގައި ޤާއިމްކުރާ ކެންސަރ ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެއްކަމަށާއި ޓާޝަރީ ހޮސްޕިޓަލުގައިވެސް ކެންސަރާ ގުޅޭ ޚިދުމަތްތައް ތަޢާރަފްކޮށްފައި ހުންނާނޭކަމަށް އާދިލް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ ކެންސަރ ހޮސްޕިޓަލް ހިންގުމަށް ފުރަތަމަ އަންނާނީ ރާއްޖޭން ބޭރުގެ ޑޮކްޓަރެއްކަމަށެވެ. އަދި ހޮސްޕިޓަލް ހިންގުމާ ދިވެހިން ހަވާލުވާނީ ދިވެހި ޑޮކްޓަރުންނަށް ތަމްރީން ދިނުމަށްފަހުކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން ދިވެހި ޑޮކްޓަރުންނަށް ތަމްރީން ދިނުމަށް ނެޝަނަލް ޕްރޮގްރާމެއްގެ ގޮތުގައި ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށާއި ހޮސްޕިޓަލްގެ އުމާރާނީ މަސައްކަތްތައް 2 އަހަރު ދުވަހުގެ ތެރޭގައި ނިމުނުނަމަވެސް ޑޮކްޓަރެއް ތަމްރީން ވެގެން އަންނަން އަހަރުތަކެއް ނަގާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ އެހީގައި ތަރައްޤީކުރާ ކެންސަރު ހޮސްޕިޓަލް އެޅުމަށް ސަރުކާރުން ފުރަތަމަ ނިންމީ ހުޅުމާލޭގައެވެ. ނަމަވެސް ސަރުކާރުގެ އެނިންމުން ބަދަލުކޮށް އެ ހޮސްޕިޓަލް ލ. ގަމަށް ބަދަލުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގައި އެދިފައެވެ.
ލ.ގަމުގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ ކެންސަރު ބަލީގެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު ހެދުމަށް ޚާއްޞަ ޓީމެއް މިދިޔަ އަހަރު ރާއްޖެ ވަނީ އައިސްފައެވެ. އަދި ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތްތައް ފެށުމަށެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ. ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި އެޅުމަަށް ނިންމާފައިވާއިރު ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ބަލިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން މިދިޔަ އަހަރު އެކަނިވެސް ކެންސަރު ބައްޔަށް ފަރުވާކުރުމަށް 762 މީހަކު ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. އަދި އެކަމަށް 116 މިލިޔަން ރުފިޔާވެސް ވަނީ ޚަރަދުވެފައެވެ.