ވިޔަފާރި

އީޔޫގެ ހިލޭ އެހީގެ ދަށުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 9.8 މިލިއަން ރުފިޔާ


ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އީޔޫއިން ފޯރުކޮށްދީފައިވާ ހިލޭ އެހީގެ ދަށުން 9.8 މިލިއަން ރުފިޔާ ވިޔަފާރިތަކަށް ދޫކޮށްފިއެވެ.

ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީވުމުގެ މަޤްސަދުގައި އީޔޫއިން ހަދިޔާ ކޮށްފައިވަނީ 2 މިލިއަން ޔޫރޯއެވެ.

އިކޮނޮމިކް މިނިސްޓްރީން މި އެހީ ދޫކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއެވެ. އީޔޫއިން ހަދިޔާކޮށްފައިވާ މިއެހީއަށް އެދި ހުށަހެޅުމަށް އެކޯޕަރޭޝަނުން ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 9.8 މިލިއަން ރުފިޔާ 259 ވިޔަފާރިއަކަށް ދޫކޮށްފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ 209 ގެސްޓްހައުސްއާއި، 50 ސަފާރީއެކެވެ.

މި އެހީއަށްއެދި ހުށަހެޅޭނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި ސަފާރީތަކަށެވެ. މި އެހީއަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 31 އެވެ.

މި އެހީއަށް އެދި ހުށައެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ޞައްހަ އޮޕަރޭޓިންގ ލައިސެންސެއް އޮވެ، 40 އެނދަށްވުރެ މަދުން އޮޕަރޭޓްކުރާ ފަރާތަކަށް ވުން ހިމެނެއެވެ. މިއެހީގެ ދަށުން ކޮންމެ ގެސްޓުހައުސްއެއް އަދި ސަފާރީއަކަށް އެހީ ލިބިގެން ދާނީ އެނދަކަށް 2453.76 ދިވެހި ރުފިޔާގެ ރޭޓުންނެވެ. މި އެހީގެ ފައިދާ ސީދާގޮތެއްގައި 561 ގެސްޓްހައުސްއަށް އަދި 126 ސަފާރީއަށް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެހީއަށް އެދި ހުށަހެޅުއްވުމުގެ މަރުހަލާ އެމްއެފްއެމްސީގެ ފަރާތުން ވަނީ ވަރަށްވެސް ބޮޑަށް ފަސޭހަކޮށްދެއްވާފައެވެ. އެޕްލިކޭޝަނާއެކު ހުށައަޅަން ޖެހޭނީ ހަމައެކަނި ގެސްޓްހައުސް ހިންގުމުގެ ލައިސެންސުގެ އިތުރުން އެއް މަސް ދުވަހުގެ ދިވެހި ރުފިޔާ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓެވެ. އެގޮތުން މައުލޫމާތު ފުރިހަމަ އެޕްލިކޭޝަންތަކަށް 14 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކުރެއެވެ.