ޚަބަރު

ސްރީލަންކާގައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި


ސްރީލަންކާގައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ސްރީލަންކާއަށް ބޭސްފަރުވާއަށް ގޮސް އުޅުނު އުމުރުން 62 އަހަރުގެ އިބްރާހީމް ޢަލީ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ކިޑްނީ ބަލީގެ މީހެކެވެ.

އިބްރާހީމް ޢަލީ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ ޢީދު ދުވަހު ދެހިވަލަ މިސްކިތް ކައިރިއަށް ދިޔަގޮތަށް އިބްރާހީމްގެ ޚަބަރެއް އާއިލާއަށް ނުވާކަމަށެވެ. އަދި އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ 2382 499 (77) 94+ ނުވަތަ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ނަމްބަރު 6666 881 076 އަށް ގުޅުމަށް އެދިފައިވެއެވެ.

މިކަމާގުޅިގެން ފޮރިން މިނިސްޓްރީން ވިދާޅުވީ، އުމުރުން ދުވަސްވީ މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އޭނާގެ އާއިލާއަކަށް ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި އެ މައްސަލަ ލަންކާ ފުލުހުންނަށްވެސް ހުށަހަޅާފައިވާކަމަށެވެ.