ކުޅިވަރު

30 ޓީމާއެކު ބައިބަލާ މުބާރާތް ފެށުން މާދަމާ


އެމްޓީސީސީ ބައިބަލާ ޗެލެންޖު އާދީއްތަ ދުވަހުގެރޭ ފެށުމަށް ނިންމައިފިއެވެ.

"ޕީއެސްއެމް ސްޕޯޓްސް"އަށް މައުލޫމާތު ލިބުން ގޮތުގައި މި މުބާރާތް އާދީއްތަ ދުވަހުގެރޭ ފަށާނީ 30 ޓީމާއެކުގައެވެ. ކުރިން މި މުބާރާތުގައި 34 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ފިތުރު ޢީދާ ދިމާކޮށް މި މަހުގެ ކުރިން ފަށަން ތާވަލުކުރި އެމްޓީސީސީ ބައިބަލާ ޗެލެންޖް އެ ފަހަރު ފަސްކޮށްފައިވަނީ ފުލުހުންނާއެކު ބޭއްވުނު ބައްދަލުވުމަށްފަހު ފުލުހުންގެ އެދުމުގެ މަތީންނެވެ. މުބާރާތް ފަސްކުރުމަށް ފުލުހުން އެދުނީ މާލެ ސަރަހައްދުގައި މާރާމާރީތައް އިތުރުވުމާ ގުޅިގެންނެވެ.

ހުކުރު ދުވަހުގެރޭ ބައިބަލާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މުބާރާތް ބާއްވަން އިއުލާންކޮށް ތައްޔާރީތައް ފަށާފައިވަނިކޮށް، މާލެ ސަރަހައްދުގައި ހިނގި މާރާމާރީތަކާއި ގުޅިގެން ފުލުހުން އެދިގެން މުބާރާތް ފަސް ކުރަން ޖެހުނީ ކަމަށެވެ.

އެކަމަކު މުބާރާތް ފަސްކުރިއިރު ޓީމުތަކުން ބައިބަލާ ރިންގް އަޅައި، ފަރިތަކުރުންތައް ފަށައި، އަދި ޖާޒީ ޕްރިންޓުކޮށް ގިނަ ޚަރަދުތަކެއް ކޮށްފައިވާ ކަމަށްވެސް ބުންޏެވެ. އަދި އެ އެސޯސިއޭޝަނުން އެންމެ ބޮޑަށް އިސްކަން ދެނީ ޑިސިޕްލިން ގޭމަކަށް ވުމާއެކު، މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ބައިބަލާ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީ މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން މުބާރާތުގެ ތެރެއިން ކުޅިވަރުގެ ރޫހާއި، އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފަށް އަމަލުކުރާ ޓީމުތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށްވެސް ބައިބަލާ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ބައިބަލާ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މުބާރާތުގެ އިންތިޒާމުތައް މިހާތަނަށް ރޭވިފައިވަނީ ފުލުހުންނާ ގުޅިގެން، ފުލުހުންގެ އިރުޝާދުގެ މަތީން ކަމަށާއި، ފުލުހުން އެދުނު ގޮތަށް ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނާއި، އެ ތަނުގައި ކެމެރާ ހަރުކުރުމާއި، ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށެވެ.

އެހެންކަމުން މި އަހަރުގެ ބައިބަލާ މުބާރާތް ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެ އެސޯސިއޭޝަނުން ނިންމައި، އެކަންކަން އިންތިޒާމުކުރަން ފަށާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.

މި މުބާރާތުގެ މެޗުތައް ކުޅެވިގެންދާނީ ނޮކްއައުޓް އުސޫލުން ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު، ރަނަރަޕް ޓީމަށް ސާޅީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.