ޚަބަރު

އޯލެވެލް އިމްތިހާނާއި ދިމާކޮށް މާލެއާއި ވިލިމާލެއާއި ދެމެދު އިތުރު ފެރީއެއް


އޯލެވެލް އިމްތިހާނާއި ދިމާކޮށް ކޮންމެ ހުކުރު ދުވަހެއްގައި މާލެއާއި ވިލިމާލެއާއި ދެމެދު އިތުރު ފެރީއެއްގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މިއީ އޯލެވެލް އިމްތިހާނަށް މާލެއަށް އަންނަ ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވާ ފެރީއެއް ކަމަށެވެ. އަދި މި ފެރީ އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 1:10ގައި ކަމަށްވެސް އެކުންފުނިން ބުނެއެވެ. މިފެރީގެ ސަބަބުން ހުކުރު ދުވަހު އޯލެވެލް އިމްތިހާނަށް ވިލިމާލެއިން މާލެ އަންނަ ދަރިވަރުންނަށް އިތުރު ލުއިފަސޭހައެއް ލިބިގެންދާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ރާއްޖޭގައި އޯލެވެލް އިމްތިހާނު މިހާރު ފެށިގެން ކުރިއަށްދާއިރު، މިމަހުގެ 6ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރި ފެރީގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން މީގެ ކުރިން ކޮންމެ ހުކުރު ދުވަހެއްގައި މާލެއާއި ވިލިމާލެއާ ދެމެދު ފެރީ ދަތުރުތައް ފަށަނީ މެންދުރު 1:30 ގެ ފަހުންނެވެ.

ޖުމްލަ 5939 ދަރިވަރުންނާއެކު 2022 ވަނަ އަހަރުގެ މޭ ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ފަށާފައި ވަނީ މިމަހުގެ 4ވަނަ ދުވަހުއެވެ. ރާއްޖޭގެ 239 ސެންޓަރުގައި މިއިމްތިހާން ކުރިއަށްދެއެވެ.