ޚަބަރު

ރަމަޟާންމަހު ވައްކަމުގެ 286 މައްސަލަ


މިދިޔަ މަހު އެންމެ ގިނައިން ފުލުހުންނަށް ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަަތައްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިގޮތުން މިދިޔަމަހު ޖުމުލަ 890 މައްސަލަ ފުލުހުންނަށް ހުށައެޅިއިރު އޭގެތެރެއިން 286 މައްސަލައަކީ ވައްކަމުގެ މައްސަލައެވެ.

އޭޕްރީލް މަހުުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 122 މައްސަލަ ހުށަހަޅާފައިވާއިރު ޓްރެފިކް އެކްސިޑެންޓްގެ ގޮތުގައި 121 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މުދާ ގެއްލިގެން 113 މައްސަލައެއް ހުށައަޅާފައިވެއެވެ. މަކަރާއި ޙީލަތް ހެދުމުގެ 77 މައްސަލައަކާއި މާރާމާރި ހިންގުމުގެ 51 މައްސަލައަކާއި އަމިއްލަ މީހުންނާއި އާންމުންގެ މުދަލަށް ގެއްލުން ދިނުމުގެ 43 މައްސަލައެއްވެސް ހުސްވިމަހު ވަނީ ހުށައަޅާފައެވެ. ފުލުހުން ވިދާޅުވީ މިދިޔަމަހު ޖިންސީ ގޯނާ ކުރުމުގެ 25 މައްސަލައަކާއި ފޭރުމުގެ 24 މައްސަލައަކާއި ގެވެށި އަނިޔާ ކުރުމުގެ 19 މައްސަލައަކާި ފޯޖުކުރުމުގެ 7 މައްސަލައެއްގެ އިތުރަށް ޗެކް ބައުންސްވުމުގެ 2 މައްސަލައެއްވެސް މިދިޔަމަ މަހު ހުށައަޅާފައިވަކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޚަލީލް ވިދާޅުވީ އެހެން އަހަރުތަކާ އަޅާބަލާއިރު މިދުވަސްވަރު މަކަރާއި ހީލަތުން ފައިސާ ހޯދާ މިންވަރު އިތުރުވެފައިވާކަމަށާއި އޭގެ ތެރޭގައި ސޯޝަލް މީީޑިއާ މެދުވެރިކޮށް ރައްޓެހިންގެ ނަމުގައި އެހީތެރިކަމަށް އެދި ފައިސާ ހޯދަމުން އަންނަކަމަށެވެ. މީގެ އިތުރުން ރޯދަމަހު އައި ޕްރޮގްރާމްތައް ނަމުގައި، ޕްރޮގްރަމްތަކުން އިނާމްތައް ލިބުނުކަމަށް އަންގާ މީހުންނަށް ގުޅައިގެން ޒާތީ މަޢުލޫމާތުތައް ހޯދާ މަކަރާ ޙީލަތްހަދައި އޮޅުވާލަމުން އަންނަކަމަށެވެ. އަދި މިފަދަ ޒާތީ މަޢުލޫމާތު ދިނުމުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ފައިސާ މަކަރާއި ޙީލަތުން ހޯދާކަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް ވިދާޅުވިއެވެ. މީގެ އިތުރަށް މުދާ ޑެލިވަރކޮށްދޭ މީހުންގެ ނަމުގައި މީސްމީހުންނަށް ގުޅުމަށްފަހު އެޑްވާންސް ފައިސާ ހޯދާކަން ފާހަގަކުރެވިފައިވާކަމަށްވެސް އޭނާ ވިދަޅުވިއެވެ.

ޚަލީލް ވިދާޅުވީ ފާއިތުވި 2 ހަފްތާތެރޭގައި މީގެ ކުރިން ފައިސާހޯދުމުގައި ނުކުރާ ކަންތައްތަކެއް ފާހަގަވެފައިވާކަމަށެވެ. މިގޮތުން ބޯޓު ފަހަރުތަކަށް ފިހާރަތަކުން ގެންދާ މުދާ ބޯޓަށް އަރުވާ ހިސާބުން މަކަރާ ޙީލަތުން ފޭރޭ މީހުން އެ މުދާތައް ނަގައިގެން ފިލާކަމަށް ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިއހަރުގެ ރޯދަމަހު ވައްކަމުގެ މައްސަލަތައް އެހެން އަހަރުތަކާ ޚިލާފަށް މަދުނަމަވެސް ފޭރުމުގެ މައްސަލަތައް ނުކުންނަކަމަށެވެ. މިގޮތުން ފާއިތުވި ރަމަޟާން މަހު ހެނދުނު 8އާ 9އާ ދެމެދު ފޭރުން އިތުރުވާކަމަށާއި މަޣުރިބް ނަމަދާއި އިޝާ ނަމާދާ ދެމެދު ވެސް ފޭރުން އިތުރުވިކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެފަދަ މީހުން ފޭރުމަށްޓަކައި ފުރުޞަތުތައް ހޯދަމުން އަންނަކަމަށާއި މައިގަނޑު ގޮތައްގައި ފޭރެމުން އަންނަނީ މޯބައިލް ފޯނާއި އަތްދަބަސް ފަދަ ތަކެތިކަމަށް ފުލުހުން ވިދާޅުވެއެވެ.