ވިޔަފާރި

އެމެރިކާގައި ކުރިއަށްދާ "އެޑްވެންޗާ އެލެވޭޓް" ފެއަރގައި ރާއްޖެ އިސްތިހާރުކުރަނީ


އެމެރިކާގައި ކުރިއަށްދާ "އެޑްވެންޗާ އެލެވޭޓް" 2022 ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވެފައިވަނީ އެމެރިކާގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްގެގޮތުގައި އިސްތިހާރުކުރުމަށެވެ.

މި ފެއަރ ކުރިއަށްދަނީ މޭ 3-5ގެ ނިޔަލަށް އޮރެގަން އުނައިޓެޑް ސްޓޭޓްސްގައެވެ.

3 ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއަރއަކީ އެމެރިކާގެ މަޝްހޫރު ޓްރެވެލް ޓްރޭޑް ކޮމިޔުނިޓީ ކަމުގައިވާ އެޑްވެންޗާ ޓްރެވެލް ޓްރޭޑް އެސޯސިއޭޝަން (އޭޓީޓީއޭ)އިން ބާއްވާ ފެއަރއެކެވެ. މި ފެއަރގެ ތެރެއިން ތައުލީމީ އަދި ނެޓްވޯކިން ދާއިރާއިން ސެޝަނެއް ބާއްވާނެއެވެ. މި ސެޝަންގައި ރާއްޖެ އިސްތިހާރުކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މި ފެއަރގެ ތެރެއިން ބައްދަލުކޮށް ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެވޭ ބަދަލުތަކާމެދު އެމްއެމްޕީއާރުސީން މަޝްވަރާކުރާނެއެވެ.

ތަފާތު އެކިއެކު އެޑްވެންޗަރ ކަންކަން ކުރަން ބޭނުންވާ ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖޭގެ މޫދުކުޅިވަރުތަކާއި ޑައިވިންގ ފަދަ ހަރަކާތްތައް އިސްތިހާރުކުރާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ބާވަތްތައް ކަމަށްވާ، މަތީ ފަންތީގެ ފަތުރުވެރިކަމާއި މެދުފަންތީގެ ފަތުރުވެރިކަންވެސް މި ފެއަރގެ ތެރެއިން އިސްތިހާރުކުރާނެއެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ އެއް މަގްސަދަކީ އެމެރިކާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ އޮތްކަން ހާމަކުރުމެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ކޯވިޑްގެ ހާލަތުގެ ކުރިން ހުރި މިންވަރަށް ރާއްޖެއަށް ފަތުރުވެރިން ގެނައުމެވެ.

މިދިޔަ އަހަރު ދިވެހިރާއްޖެއަށް އެމެރިކާއިން 55760 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔައަހަރު ނަގާކިޔޭ ބޮޑު އެއް މާކެޓްގެގޮތުގައި އެމެރިކާވެގެންދިޔައެވެ. މި އަހަރުގެ އޭޕްރިލް 20ގެ ނިޔަލަށް ބަލާއިރު ދިވެހިރާއްޖެއަށް އެމެރިކާއިން 24171 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިގޮތުން އެމެރިކާއަކީ މި އަހަރު 6ވަނައަށް އެންމެ ބޮޑު މާކެޓެވެ.