ޚަބަރު

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް"އަށް ކުރިމަތިލުމަށް ހުޅުވާލައިފި


"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022"އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މިއެވޯޑަކީ ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ކެޓަގަރީއަކުންނެވެ. އެއީ ޕްރޮޑަކްޝަން އެވޯޑްތަކާއި، ނޫސްވެރިކަމުގެ އެވޯޑްތަކާއި، އިންޑަސްޓްރީ އެވޯޑްތަކެވެ. ޕްރޮޑަކްޝަން އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ޑޮކިއުމެންޓްރީ ޕްރޮގްރާމް، އެންމެ މޮޅު ކަރަންޓް އެފެއާޒް ޕްރޮގްރާމް، އެންމެ މޮޅު މުނިފޫހިފިލުވުމުގެ ޕްރޮގްރާމް، އެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމް، އެންމެ މޮޅު ޑޭޓައިމް ޕްރޮގްރާމް، އެންމެ މޮޅު ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް، އެންމެ މޮޅު ކުޅިވަރު ޕްރޮގްރާމް، އެންމެ މޮޅު ތިމާވެށި ޕްރޮގްރާމް، އެންމެ މޮޅު އުފެއްދުންތެރި ޕްރޮގްރާމް، އަހަރުގެ އިޖްތިމާޢީ ޕްރޮގްރާމް، އަދި އަހަރުގެ އެންމެ މޮޅު ކެމްޕެއިން ހޮވާނެއެވެ.

ނޫސްވެރިކަމުގެ އެވޯޑްތަކުގެ ތެރޭގައި، އެންމެ މޮޅު ނިއުސް އެންކަރ، އަހަރުގެ ނޫސްވެރިޔާ، އެންމެ މޮޅު ޕްރޮގްރާމް ޕްރެޒެންޓަރ، އެންމެ މޮޅު ކެމެރާ ޕަރސަން، އަދި އެންމެ އުއްމީދީ ނޫސްވެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އިންޑަސްޓްރީ އެވޯޑްތަކުގެ ގޮތުގައި ބެސްޓް ބްރޯޑްކާސްޓިންގ ޗެނަލް (ޓީވީ، ރޭޑިއޯ)، ބެސްޓް އިންކްލޫސިވް ބްރޯޑްކާސްޓަރ، އަދި އެންމެ އުފެއްދުންތެރި ޗެނަލް ހޮވާ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ޖޫން 2 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ތަފްޞީލާއި، އެޕްލިކޭޝް ފޯމް "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުޞޫލުގައި ބަޔާންކޮށްފައިވާނެކަމަށާއި، މި އުޞޫލު ބްރޯޑްކާސްޓިން ކޮމިޝަންގެ ވެބްސައިޓް broadcom.org.mv އިން ލިބެން ހުންނާނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.