ޚަބަރު

ސަޢީދު މަސްހިފުމަށް ބޭނުންކުރިކަމަށް ލަފާކުރެވޭ އާލާތެއް ކަނޑުގެ 59 މީޓަރު އަޑިން ފެނިއްޖެ


ޏ.ފުވައްމުލަކު ނެރުކައިރިއަށް ޑައިވިނަށް ފޭބި މުޙައްމަދު ސަޢީދު މަސްހިފުމަށް ބޭނުންކުރިކަމަށް ލަފާކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުންނަށް އެ ސަރަޙައްދުގެ 59 މީޓަރު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިދިޔަ ހޯމަދުވަހު ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން، މުޙައްމަދު ސަޢީދު ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑި ހޯދަމުންދާއިރު، ކޯސްޓްގާޑް ހާބަރ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަޙައްދު ބަލަމުންނެވެ. އަދި އޮޕަރޭޝަން އިތުރަށްފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކޯސްޓްގާޑް ޑައިވަރުން އެ ސަރަހައްދު ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން މުޙައްމަދު ސަޢީދު މަސްހިފުމަށް ބޭނުންކުރިކަމަށް ލަފާކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުންނަށް ފެނިފައިވާކަމަށެވެ. ސްލޯޕެއްގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި މި އާލާތްފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް ލަފާކުރެވޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ގެއްލިގެން ހޯދަމުންދާ މުޙައްމަދު ސަޢީދު ޑައިވިނަށް ފޭބީ ހޯމަ ދުވަހުގެ 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައިވެއެވެ.

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި މުޙައްމަދު ސަޢީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވަނީ އެ ދުވަހުގެ 15:36 ހާއިރުއެވެ.

ގެއްލުނު މުޙައްމަދު ސަޢީދުއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުން ބަލައިދިނުމަށް ކޯސްޓްގާޑުން އެދެއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅުމަށްވެސް އެފަރާތުން އެދެއެވެ.