ޚަބަރު

ޕެންޝަން ފަންޑަށް މިދިޔަ އަހަރު 625 ރުފިޔާގެ ފައިދާއެއް


ޕެންޝަން ފަންޑަށް މިދިޔަ އަހަރު އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ޕެންޝަން އޮފީހުން ޢާންމުކޮށްފައިވާ އެ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާގޮތުގައި މިދިޔަ އަހަރު ލިބުނު އިންވެސްޓްމަންޓް ފައިދާއަކީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 11.6 އިންސައްތައަށްވުރެ އިތުރު ޢަދަދެކެވެ. އަދި މިއީ ކޯވިޑްގެ ކުރީ އަހަރުތަކުގައި އެވްރެޖުކޮށް ލިބިފައިވާ ފައިދާއަށްވުރެ ފަހެއް އިންސައްތައިގެ އިތުރު ޢަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ކޮންޓްރިބިއުޝަން ކަލެކްޝަންސްގެ ގޮތުގައި ޖުމްލަ 1.2 ބިލިޔަން ރުފިޔާ ޕެންޝަން ފަންޑަށް ޖަމާކޮށްފައިވެއެވެ.


ޕެންޝަނަކީ އެމީހަކު އުމުރުން ދުވަސްވުމުން ނުވަތަ ރިޓަޔަރވުމަށް ފަހުގައި ބޭނުންކުރުމަށް އެއްކުރާ ފައިސާއެވެ. އަދި އާމްދަނީއެއް ނުލިބޭ އުމުރުން ދުވަސްވީ މީހުންނަށް ދަޢުލަތުން ފައިސާދެނީވެސް ޕެންޝަން ފަންޑުންނެވެ.

ޕެންޝަންގެ ތެރޭގައި ހިމެނެނީ 4 ބާވަތެއްގެ ޕެންޝަނެވެ. އެއީ ވަޒީފާއިން ރިޓަޔަރވުމުން ދޭ ޕެންޝަނާއި، 65 އަހަރުން މަތީގެ މީހުންނަށް ދޭ އަސާސީ ޕެންޝަނާއި، ދަޢުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ދަޢުލަތުންދޭ އިނާޔަތްތައް އަދި ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް އިނާޔަތްތަކެވެ.

ރާއްޖޭގައި ޕެންޝަން އޮފީސް އުފައްދާފައިވަނީ، 2009 ވަނަ އަހަރު ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤް ކުރެއްވުމާ ގުޅިގެންނެވެ.