ޚަބަރު

ފުވައްމުލަކު ނެރު މައްޗަށް ޑައިވިންއަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ

ޏ.ފުވައްމުލަކު ނެރުމައްޗަށް ޑައިވިންއަށް ފޭބި މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ޑައިވިންއަށް ފޭބި މީހާގެ ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 15:36 ހާއިރުކަމަށާ އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަރން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސްކޮޑްރަންއިން މިހާރު ފަށާފައިވާކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. ހަބަރެއް ނުވެގެން ހޯދަމުންދާ މީހާ ޑައިވިންއަށް ފޭބިއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޑައިވް ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ގަޑިން މެންދުރު 14:30 ހާއިރު މިމީހާ ޑައިވިންއަށް ފޭބީ ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލިގެން ހޯދަމުންދާ މީހާއާއި ބެހޭ އެއްވެސް ޚަބަރެއް ލިބިއްޖެނަމަ ލަސްނުކޮށް އެންގުމަށާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުންވެސް ބަލައިދިނުމަށް އެމްއެންޑީއެފްއިންވަނީ އެދިވަޑައިގެންފައެވެ.

ފުއައްމުލަކު ނެރުމައްޗަކީ ޑައިވްކުރަން ވަރަށް މަޤްބޫލް ސަރަހައްދެކެވެ. ޑައިވް ސްޕޮޓެއްގެ ގޮތުގައި އެތަން މައްޝޫރު ވަނީ ގިނަ އަދަދަކަށް ޓައިގަރ ޝާކް ނުވަތަ ފެމުނު މިއަރު ފެންނަ ސަރަހައްދަކަށް އެތަން ވާތީއެވެ. ޓައިގަރ ޝާކް ބެލުމަށް އެތަނަށް މީހުން ޑައިވިންއަށް ބާލަނީ މިޔަރުތަކަށް ރަނގަޅަށް ކާންދިނުމަށްފަހުއެވެ. ބޮޑެތި މިޔަރުތަކާއެކު ފޮޓޯނަގާ ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފޮޓޯތައް ޙިއްސާކުރަމުންނެވެ.

މިދުވަސްވަރަކީ ކަނޑު ގަދަ ދުވަސްވަރަކަށްވުމާއެކު ކަނޑު ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ޗުއްޓީގައި ރަށްރަށަށް ގޮސް މޫދަށް އެރިއުޅޭއިރު ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.