ޚަބަރު

ޕެސިފިކް ކަނޑުގައި އިތުރުވަމުންދާ ޗައިނާގެ ނުފޫޒާ ދެކޮޅަށް އެމެރިކާއިން ތެދުވެއްޖެ


ޕެސިފިކް ކަނޑުގެ ޤައުމުތަކާއެކު އޮންނަ ޚާރިޖީ ބަދަހިކުރުމަށް އެމެރިކާއިން ޚާއްޞަ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ ޕެސިފިކް ކަނޑުގެ ޤައުމުތަކުގެ އިސްވެރިން އެމެރިކާގެ ރިޔާސީ ގަނޑުވަރަށް ވަޑައިގެންނެވުމަށް ދަޢުވަތުދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ދަޢުވަތުގެ ސަބަބުން ޕެސިފިކް ކަނޑުގެ ޤައުމުތަކުގެ މުޙިއްމުކަން ދޭހަވާކަމަށާއި އެމެރިކާއިން ބޭނުންވަނީ އެ ޤައުމުތައް ބާކީކުރުމުގެ ބަދަލުގައި ރަނގަޅު ގުޅުންތަކެއް ބޭއްވުމަށްކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ. އޭގެ އިތުރުން އެ ޤައުމުތަކަށް އެމެރިކާއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ސަލާމަތީ ކަންކަމުގައި އެހީތެރިވުމަށްވަނީ ނިންމައިފައެވެ. އަދި ޕެސިފިކް ކަނޑުގެ ޤައުމުތަކާއެކު ގުޅުންބަދަހިކުރުމަށް ސަރަޙައްދީ ޤައުމުތައްކަމަށްވާ އޮސްޓުރޭލިޔާއާއި ނިޔު ޒީލޭންޑާއި ޖަޕާނުގެ އިތުރުން ވިލާތުގެ ނުފޫޒުގަދަ ޤައުމުތައްކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން އިސްކަންދިނުމަށްވެސް އެމެރިކާއިންވަނީ ބާރުއަޅައިފައެވެ.

އެމެރިކާގެ ބޮޑު ސަމާލުކަމެއް ޕެސިފިކް ކަނޑުގެ ޤައުމުތަކަށް ހުއްޓިފައިވަނީ އޮސްޓުރޭލިޔާއާ އެންމެ 2،000 ކިލޯމީޓަރު ދުރުގައި އޮންނަ ސޮލޮމަން އައިލެންޑްސާއެކު ޗައިނާއިން ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ. އެ އެއްބަސްވުމުގެ ދަށުން ސޮލޮމަން އައިލެންޑްސްގައި ޗައިނާގެ އަސްކަރީ ފައުޖުތައް ޤާއިމުވެ ތިބުމަށް ފުރުޞަތު ލިބޭނެއެވެ. އެއާއެކު ސަރަހައްދީ އެހެން ޤައުމުތަކުންވެސް ޗައިނާއާއެކު އެފަދަ އެއްބަސްވުމެއް ޤާއިމުކޮށްފާނެކަމުގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ.