ޚަބަރު

ރަޝިޔާއިން ޔޫކްރެއިނުގެ ކާރްސަން ދުލެއް ނުކޮށްލާނެ: އިނގިރޭސިވިލާތް


ރަޝިޔާގެ އަސްކަރީ ބާރުގެ ދަށަށް ގެނެސްފައިވާ ޔޫކްރެއިނުގެ ދެކުނުގައި އޮންނަ ކާރްސަން ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އެ ޤައުމުން ނުގެންގުޅޭކަމަށް އިނގިރޭސިވިލާތުން ތުޙުމަތުކޮށްފިއެވެ.

300،000 މީހުންގެ އާބާދީއެއް އޮންނަ ޔޫކްރެއިނުގެ މުޙިއްމު ބަނދަރުމަތީ ރަށެއްކަމަށްވާ ކާރްސަން ރަޝިޔާގެ އަސްކަރީ ބާރުގެ ދަށަށް ގެނެސްފައިވަނީ ހަނގުރާމައިގެ ދެވަނަ ހަފުތާގެ ތެރޭގައެވެ. އެއީ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމާގައި ރަޝިޔާގެ އަސްކަރީ ބާރުގެ ދަށަށް ގެނެވުނު ޔޫކްރެއިނުގެ އެންމެ ބޮޑު ރަށެވެ.

އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ރަޝިޔާގެ އަސްކަރީ ބާރުގެ ދަށަށް ކާރްސަން ގެނައުމަށްފަހު ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުން އެ ރަށަށް އަތްގަދަކުރަމުންދާކަމަށެވެ. އެ ގޮތުން އެ ރަށުގެ ވެރިން ބަދަލުކޮށް އެ ރަށުގައި ރަޝިޔާގެ ފައިސާ ބޭނުންކުރަން ފަށާފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ކާރްސަންނަކީ ދެކުނުގެ މުޙިއްމު ރަށެއްކަމުން އެ ރަށް ބޭނުންކޮށްގެން އެ ސަރަޙައްދަށް ރަޝިޔާއިން އަތްގަދަކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. އޭގެ އިތުރުން ކާރްސަންނަކީ 2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކުރައިމިޔާއާ ގުޅިފައިވާ ސަރަޙައްދެއްކަމުން އެ ރަށް އަނބުރާ ޔޫކްރެއިނަށް ދޫކޮށްލާނެކަމަށް ނުބެލެވޭކަމަށްވެސް އިނގިރޭސިވިލާތުން ތުޙުމަތުކޮށްފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިނުގެ އިރުމަތީގެ ދޮންބާސާއި އެ ޤައުމުގެ ތިންވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ އޮދޭސާއަށް ރަޝިޔާގެ ފައުޖުތަކުން ދެމުންދާ ޙަމަލާތައްވަނީ އިތުރުވެފައެވެ. އެ ގޮތުން ރަޝިޔާގެ ޙަމަލާތަކުގައި އޮދޭސާގެ ވައިގެ ބަނދަރާއި ރޭލްވޭވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެއާއެކު ރަޝިޔާގެ ޙަމަލާތަކުން އޮދޭސާ ދިފާޢުކުރުމަށް އެ ރަށަށް ހަތިޔާރު ފޮނުވުމަށް ހުޅަނގުގެ ބާރުތަކަށްވަނީ އުނދަގޫވެފައެވެ.