ޚަބަރު

މިއީ މާތްﷲ ދެއްވި ނިއުމަތްތަކުގެ ހަނދާންކޮށް ޝުކުރުވެރިވުމުގެ ދުވަސް - ޢީދު ޚުޠުބާ


މިއަދަކީ މާތްﷲ ދެއްވި ނިއުމަތްތަކުގެ ހަނދާންކޮށް ޝުކުރުވެރިވުމުގެ ދުވަސްކަމަށާ، ޢީދުގެ އެއްބައިވަންތަކަމާއެކު ޙަސަވެރިކަން ނައްތާލައި ގުޅުންތައް ވަރުގަދަކުރުމަށް މިއަދުގެ ޢީދު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދުވަނީ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައެވެ.

މާލޭގައި މައިދާނުގައި ބޮޑު ޖަމާޢަތުގައި ޢީދުނަމާދުކޮށްފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ. މާލެ ސަރަޙައްދުގައި 3 ތަނެއްގައި ބޮޑު ޖަމާޢަތުގައި ޢީދުނަމާދު ކުރިއެވެ. އެއީ މާފަންނު ސްޓޭޑިއަމްގެ އިތުރުން ހުޅުމާލޭ ސްޓޭޑިއަމާއި ވިލިމާލޭ ސްޓޭޑިއަމްގައެވެ. މީގެ އިތުރުން މާލޭގެ ބޮޑެތި މިސްކިތްތަކުގައިވެސް ޢީދުނަމާދުކުރިއެވެ. އޭގެތެރެއިން އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތަށް ގިނަޢަދަދެއްގެ ބަޔަކު ޢީދު ނަމާދުކުރަން ދިޔައެވެ.

މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ކުރި ޢީދު ނަމާދުގައި ދެ ޖިންސުގެ ކުދިބޮޑު އެތައް ސަތޭކަބަޔަކު ވަނީ ބައިވެރިވެފައެވެ.

މާލޭގައި ބޭއްވި އެންމެ ބޮޑު ޖަމާޢަތްކަމަށްވާ ސްޓޭޑިއަމްގައި އިމާމުވެ އީދު ނަމާދު ކުރެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޙް އަހްމަދު ސަމީރެވެ.

މިއަދުގެ އީދުނަމާދުގެ ޚުޠުބާގައިވަނީ ޢީދުގެ މުހިންމުކަމާއި ޢީދުގެ އުފާ ފާޅުކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިއީ މާތްﷲ ދެއްވި ނިއުމަތްތަކުގެ މަތީން ހަނދާންކޮށް ޝުކުރުވެރިވުމުގެ ދުވަސްކަން ބަޔާންކުރައްވައި މިއީ ފައިތުވި ރަމަޟާންމަހުގެ ރޯދައާއި އެމަހުގައި ގިނަގުނަ އަޅުކަމާއި ހެޔޮ ޢަމަލު ކުރުމުގެ ތައުފީޤުދެއްވީތީ މާތްﷲ އަށް ޝުކުރުވާންޖެހޭ ދުވަހުގެގޮތުގައި ވަގުތުތައް ކުރިއަށްގެންދިއުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.

އެތައް ސަތޭކަބަޔަކު ޢީދު ނަމާދަށް އެއްވާ އެއްވުމުން ފެނިގެން ދަނީ މުސްލިމުންގެ އެއްބައިވަންތަކަން ކަމުގައި ފާހަގަކުރައްވައި ޚުޠުބާގައިވަނީ ކުޑަކުދީންނާއި ބޮޑެތި މީހުންނާއި އަންހެނުންނާއި ފިރިހެނުންނާއި ފަގީރުންނާއި މުއްސަދީންގެ މެދުގައިވާ އެކުވެރިކަމާއި ރަހުމަތްތެރިކަން މި އަދުގެ މި ބަރަކާތްތެރި އެއްވުމުން ފެންނަކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއީ ޙަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކުން ދުރުހެވިލުވުމަށް އެންމެހައި މުސްލިމުން ޢަޒުމް ކަނޑައަޅަންޖެހޭ ދުވަހުގެގޮތުގައި ހެދުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.

މީގެއިތުރުން އަޅުކަމާއި ހެޔޮކަންކަމުގައި ރަމަޟާންމަހު އަޅުގަނޑުމެން ދެއްކި ހީވާގިކަމާއި ސަމާލުކަން ރަމަޟާންމަހުގެ ފަހުންވެސް އެގޮތުގައި ކުރިއަށްގެންދިއުމަށް ހުތުބާގައި އިލްތިމާސްކުރެއްވިއެވެ.