ޚަބަރު

ޢީދުގެ އުފާ ފާޅުކުރުމުގެ ތެރޭގައި އިޖުތިމާޢީ ހަމަހަމަކަން ޤާއިމްކުރަށް ރައީސް ގޮވާލައްވައިފި


ޢީދުގެ އުފާ ފާޅުކުރުމުގެ ތެރޭގައި އިޖްތިމާޢީ ހަމަހަމަކަން ޤާއިމުކޮށް، މުޖްތަމަޢުގައި ތިބި ފަޤީރުންނާއި މިސްކީނުންނާއި ނިކަމެތިންގެ ހިތްތަކަށްވެސް އުފާވެރިކަން ގެނެސްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

1443ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވަނީ ބަރަކާތްތެރި ފިޠުރު ޢީދާ ބައްދަލުކުރާއިރު، އިޖްތިމާޢީ ގުޅުންތަކާއި ޢާއިލީ ގުޅުންތައް އާލާކޮށް ބަދަހިކުރުމަށް، އިސްލާމް ދީނުގައި ދެއްވާފައިވާ ޚާއްޞަ ސަމާލުކަން ހަނދާންކުރުމަށް އެދިވަޑައިގެންފައެވެ.

ފިޠުރު ޢީދާ ގުޅިގެން ފޮނުއްވި މިޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވާގޮތުން ޢީދުގެ އުފާ ފާޅުކުރުން، ޢާއިލާގެ ތެރެއިން ފެއްޓުމަށާ، މައިންބަފައިންނާއި މާމައިންނާއި ކާފައިންނަށް ޒިޔާރަތްކޮށް، ޙާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ، އަގުބޮޑު ހަދިޔާއެއް ދިނުމަށްވުރެ މާބޮޑަށް، ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި، އަނބިދަރިންނާއެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ޚިޔާލު ބަދަލުކޮށްލައި ވާހަކަދައްކައިލުމަށް ވަގުތުކޮޅެއް ޚާއްޞަކޮށްލުމަކީ ވެސް، ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމަށާއި، ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، އެމީހުންގެ ޙާލުއަހުވާލު އޮޅުންފިލުވައި އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވެސް، ޢީދުގެ އުފާ ފާޅުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އިސްލާމް ދީނުގައި ޢީދުގެ އުފާ ފާޅުކުރުން އޮތީ، އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ގޮތެއްގައިކަމަށް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ އަވަށްޓެރިންނާ ރައްޓެހިންނާއި އެކުވެރިންނާއެކު ޢީދުގެ ތަހުނިޔާއާއި ހަދިޔާ ބަދަލުކޮށް އުޅުމަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަމާއި އެކުވެރިކަން އުފެދިގެންދާނެ ކަމެއްކަމުގައި ވިދާޅުވެފައެވެ. އޭގެ އިތުރުން މުޖްތަމަޢުގައި ތިބި ނިކަމެތިންނާއި ފަޤީރުންނަށް އެހީ ފޯރުކޮށްދީ، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް، އެމީހެއްގެ ފެންވަރުން ކުރެވޭނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.