ޚަބަރު

1780 މީހަކަށް ޒަކާތު ފައިސާ ދީފި


މާލެ ސަރަޙައްދުގައި ދިރިއުޅޭ 1780 މީހަކަށް މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބަހައިފިއެވެ. މި ފައިސާ މި މީހުންނަށް ފޯރުކޯށްދީފައިވަނީ ބޭންކް އެކައުންޓް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރަމަޟާން މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތިގެ ގޮތުގައި ހަތް މިލިއަން އެއްލައްކަ އެގާރަހާސް ތިންސަތޭކަ ފަންސާސް ހަތަރު ރުފިޔާ ލިބިފައިވާކަމަށެވެ. މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 159,290 މީހުންނެވެ.

މިގޮތުން މި ފައިސާ މިހާރު މާލޭ ސިޓީގެ ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 1782 މީހުންގެ ތެރެއިން 1780 މީހުންގެ ފައިސާ އެ ފަރާތްތަކުގެ އެކައުންޓްތަކަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ޖަމާކޮށްފައެވެ. އަދި ފައިސާ ޖަމާނުކުރެވިވާ 02 މީހުންނަކީ އެކައުންޓް ނެތް އަދި ނުގުޅޭ ދެފަރާތް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ އެއްހާސް އެއްސަތޭކަ އަށްޑިހަ ހަތެއް ޕޮއިންޓް އަށެއް ފަހެއް ކިލޯގެ ތަކެއްޗެވެ. ގޮވާމުން ޒަކާތް ދައްކާފައިވަނީ 3938 މީހުންނެވެ.

މާދަމާއަކީ ފިޠުރު ޢީދުދުވަހަށް ވާތީ، ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުން އަދި ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން މިއަދު ގެ އިރުއޮއްސި 6 ޖެހުމާ ހަމައަށްކުރިއަށް ދާނެއެވެ. މިގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަޑައިގެންނާއި ބަނޑޭރި ޕޭ މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ތަކެތި ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ސީ.އެޗް.އެސް.އީ ގެ ހޯލުގައެވެ.