ޚަބަރު

ފޮރިން ސެކްރެޓަރީއަކަށް ލަޠީފް، އެމްބެސެޑަރ އެޓް ލާޖުގެ މަޤާމަށް ޢަބްދުލްޣަފޫރު ހަމަޖައްސަވައިފި


އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމަށް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހަމަޖައްސަވައިފިއެވެ.

މިގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް ހަމަޖެއްސެވީ މއ.އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދެވެ. ޢަބްދުލްޣަފޫރު މުޙައްމަދު އެ މަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ. ފޮރިން ސެކްރެޓެރީގެ މަޤާމަށް ޢަބްދުލްޣަފޫރު އައްޔަންކުރައްވާފައިވަނީ 21 ނޮވެންބަރު 2018ގައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ، ހަމަޖެއްސެވީ ހ. ސީވީޑް، އަޙްމަދު ލަޠީފެވެ. އަޙްމަދު ލަޠީފު އެމަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން ވަކިކުރައްވާފައެވެ.

އަޙްމަދު ލަޠީފަކީ 1981 ވަނަ އަހަރު ރާއްޖޭގެ ޚާރިޖީ ދާއިރާއާއި ގުޅިވަޑައިގެން، ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އަޙްމަދު ލަޠީފަކީ 2007 ވަނަ އަހަރު ޗައިނާ ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރުގެ ގޮތުގައި 5 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަޙްމަދު ލަޠީފް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ޢައްޔަނު ކުރެއްވި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމުވެސް ފުރުއްވާފައެވެ.