ވިޔަފާރި

ދަތުރުކުރުން ރައްކާތެރިކަމަށް ކަނޑައަޅާ ސެޓްފިކެޓް ވީއައިއޭއަށް 2 ވަނަ ފަހަރަށް ލިބިއްޖެ


ދަތުރުކުރުން ރައްކާތެރި އެއަރޕޯޓެއްކަމަށް ކަނޑައަޅާ "އެއަރޕޯޓް ހެލްތް އެކްރެޑިޓޭޝަން" ސެޓްފިކެޓް ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 2 ވަނަ ފަހަރަށް ލިބިއްޖެއެވެ.

"އެއަރޕޯޓް ހެލްތް އެކްރެޑިޓޭޝަން" ސެޓްފިކެޓަކީ ބައިނަލްއަޤްވާމީ ކައުންސިލެއްކަމަށްވާ އެއަރޕޯޓް ކައުންސިލް އިންޓަރނޭޝަނަލްއިން ދޭ ސެޓްފިކެޓެކެވެ.

މިއީ ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ މިންގަނޑު ހުރީ ރަނގަޅަށްކަން ކަނޑައަޅައިދޭ މިންކުރުމެކެވެ. އެންމެ ފުރަތަމަ ވީއައިއޭއަށް މި ސެޓްފިކެޓް ލިބިފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އޭރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އޭޝިއާ ޕެސިފިކް ރީޖަންގައި މި މިންކުރުން ލިބުނު 2ވަނަ އެއަރޕޯޓެވެ. އަދި މުޅި ދުނިޔެއިން މި ސެޓްފިކެޓް ލިބުނު 12 ވަނަ އެއަރޕޯޓެވެ.

ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު ރާއްޖޭގައި އެންމެ ފުރަތަމަ އަޅަން ފަށާފައިވަނީވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ. އެއަރޕޯޓްގެ ރައްކާތެރިކަން މިންކުރުމުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެއަރޕޯޓް ޑިސްއިންފެކްޓްކޮށް ސާފުކޮށް ބޭއްވުމަށް ކުރާ މަސައްކަތްތަކާއި، އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ބަލާފައެވެ. އަދި ޚިދުމަތްދިނުމުގައި އެއަރޕޯޓްގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އެއަރޕޯޓުން ޚިދުމަތް ހޯދާ މީހުންނަށް ޚިދުމަތްދިނުމުގައި ޢަމަލުކުރާ ގޮތްތަކަށްވެސް ވަނީ ބަލާފައެވެ.

އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވީ މި ސެޓްފިކެޓާއެކު ރާއްޖެއަކީ ކޯވިޑް-19އިން ރައްކާތެރި ޤައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ. އަދި ރާއްޖޭގެ އެއަރޕޯޓްގެ ޚިދުމަތަށް، ޚިދުމަތް ހޯދާ މީހުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށާއި މިއާއެކު ރާއްޖެއަށް މީހުން ޒިޔާރަތްކުރާ މިންވަރު އިތުރުވެ، އިޤްތިޞާދަށްވެސް އޭގެ އެދެވޭ އަސަރުކުރާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.