ވިޔަފާރި

މިހާރު އެއްވެސް ކޮންޓްރޯލެއްނެތި މަސް ކިރުވޭނެ: މިފްކޯ


މިހާރު އެއްވެސް ކޮންޓްރޯލެއްނެތި މަސްކިރުވޭނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މާރިޗުމަހުގެ މެދުތެރެއިން ފެށިގެން ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ، އެއްފަހަރާ ގިނަ ދޯނިފަހަރުތަކެއް ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވަމުން ގޮސްފައިވާތީ މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސްލިބެމުން ގޮސްފައިވާކަން މިފްކޯއިންވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ. މިކަމާގުޅިގެން އޭޕްރީލް 6 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ވަނީ މަސްކިރުން ކޮންޓްރޯލްކޮށްފައެވެ. އެކުންފުނިން އެގޮތަށް ނިންމީ މަސް ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށެވެ.

އެހެންނަމަވެސް މިއަދުން ފެށިގެން މަސްވެރިން ބާނާ މަސް ކޮންޓްރޯލްކުރުމެއްނެތި ކިރުވުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެމަށް މިފްކޯއިން ވިދާޅުވެއެވެ. މަސްކިރުވުން ލިމިޓްކޮށްފައިއޮތް މުއްދަތުގައި މިފްކޯގެ ކެޕޭސިޓީއާއި އެއްވަރަށް މެނޭޖްކޮށްގެން ކުރިޔަށް ގެންދިޔުމަށް ދޯންޏަކުން ކިރަމުންދިޔައީ 7 ޓަނުގެ މަހެވެ. މަސްކިރުވުން ލިމިޓްކުރި ނަމަވެސް މަސްގަންނަ މިންވަރު ދަށްނުވާކަމަށް އެކުންފުނިން މީގެކުރިން ހާމަކުރައްވާފައިވެއެވެ.

މިފްކޯއިން ވިދާޅުވީ، އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ، މިފްކޯއިން ދޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށްކަމަށެވެ. މިފްކޯއިން ވަނީ މަސްވެރިންގެ ފަރާތުން އަބަދުވެސް އެކުންފުންޏަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ.

ދެކުނުގެ މަސްވެރިކަން މީގެ ދެ މަހެއްހާ ދުވަސް ކުރިން ރަނގަޅުވިގޮތަށް މަސްވެރިކަން އަދިވެސް އެއްވަރެއްގައި ދަނީ ހިފެހެއްޓެމުންނެވެ. މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި މަސް ގަނޑުކުރާ ފެސިލިޓީ ތަރައްޤީ ކުރުމުގެ މަޝްރޫއެއް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ. އަދި މިފްކޯގެ ސްޓޯރޭޖް ފެސިލިޓީތައް ތަރައްޤީ ކުރުމަށް އިތުރު 9500 ޓަނުގެ ސްޓޯރޭޖް އެޅުމާއި، ފެލިވަރު ކޭނަރީ އަޕްގްރޭޑް ކުރުންވެސް ދަނީ ކުރިއަށެވެ.