ވިޔަފާރި

އަހަރުގެ ފުރަތަމަ ކުއާޓަރގައި އެސްޓީއޯގެ ފައިދާ 4 ބިލިއަނުގައި


މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު 23 އިންސަައްތައިގެ އިތުރުވުމެކެވެ.

އެސްޓީއޯއިން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެ ކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 14 އިންސައްތަ އިތުރުވެފައިވުމެވެ. އަދި ހަމަމިއާއެކު، ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ، މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުމަކީވެސް މި ކުއާޓަރގައި އާމްދަނީ އިތުރުވި ސަބަބެއްކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯގެ ހިންގުމުގެ ޚަރަދު، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ޕްރޮވިޝަން އިތުރުވެފައިވުމެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން، އެސްޓީއޯގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ފައިދާއަކީ 177 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 15 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު މި ކުއާޓަރގެ ސާފު ފައިދާއަކީ 150 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓރއާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ.

އެސްޓީއޯއަށް ލިބުނު އާމްދަނީ އިތުރުވުމާއެކު، ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 71.6 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 18 އިންސައްތައިގެ ކުރިއެރުމެކެވެ.

ރަމަޟާން މަހަށް ޚާއްސަކޮށް، ރައްޔިތުންނަށް ބޭނުންވާ ތަކެތި އެތެރެކޮށް، ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްވެސް މިދިޔަ ކުއާޓަރގައި އެސްޓީއޯއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިއާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ދެމުން ގެންދިޔަ ޚިދުމަތްތައް ފުޅާކޮށް، ތަފާތު މުދަލާއެކު، 13 މާރިޗް 2022 ގައި އައު ޑިޕާރޓްމަންޓް ސްޓޯރއެއް ވަނީ ހުޅުވާފައެވެ.