ޚަބަރު

ގުޅުން ގޯސްވެފައިވަނިކޮށް އުރުދުޣާން ސަޢުދީއަށް


ސަޢުދީ ޢަރަބިއްޔާއާ އޮންނަ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގެންފިއެވެ.

ތުރުކީވިލާތުގެ ރިޔާސީ ގަނޑުވަރުން ބުނެފައިވަނީ އުރުދުޣާން ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފައިވަނީ އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު އާލް ސަޢުދުގެ ދަޢުވަތަކަށްކަމަށެވެ. އަދި އެ ދަތުރުފުޅުގެ ބޭނުމަކީ ހީނަރުވެފައިވާ ދެ ޤައުމުގެ ގުޅުން ބަދަހިކުރުންކަމަށާއި އެ ދަތުރުފުޅުގައި ސަލްމާން ރަސްގެފާނާއި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި އުރުދުޣާން މަޝްވަރާކުރެއްވިކަމަށް ތުރުކީވިލާތުގެ ރިޔާސީ ގަނޑުވަރުން ބުނެފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުންވަނީ ކާބޯތަކެއްޗާއި ޞިއްޙަތާއި ހަކަތައާއި ދިފާޢީ އަދި މާލީ ދާއިރާއިން ގުޅުންބަދަހިކުރުމަށް މަޝްވަރާކޮށްފައެވެ.

ސަޢުދީ ޢަރަބިއްޔާއާއި ތުރުކީވިލާތުގެ ގުޅުން ގޯސްވެފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚަޝޫޤުޖީ ތުރުކީވިލާތުގެ އިސްތަންބޫލުގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސޫލޭޓުގައި އަނިޔާވެރިކޮށް މަރާލުމުންނެވެ. އެ ޢަމަލު ހިންގިކަމަށް ތުޙުމަތުކުރެވެނީ ސަޢުދީ ޢަރަބިއްޔާގެ ޖަސޫސީ އިދާރާގެ މެންބަރުންގެ މައްޗަށެވެ. އެ ކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާއިންވަނީ ތުރުކީވިލާތުން މުދާ އެތެރެކުރުން ހުއްޓާލައިފައެވެ. އެއާއެެކު ތުރުކީވިލާތުގެ ތަކެތީގެ އަގުވަނީ %60އަށް އުފުލިފައެވެ.

ސަޢުދީ ޢަރަބިއްޔާގެ އިތުރުން ޔޫއޭއީއާއި މިޞްރާއި އިސްރާއީލާއެކު އޮންނަ ގުޅުންތައް ބަދަހިކުރުމަށްވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ތުރުކީވިލާތުންވަނީ ބޮޑު އިސްކަމެއް ދީފައެވެ.