ޚަބަރު

ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފި


ހއ،ދިއްދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރަޓަރީ ޒީނިޔާ އަޙުމަދެވެ. އަދި މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސަ ޢަލީ މަނިކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ.ދިއްދޫގައި ކުރިއަށް ގެންދިޔުމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯަރޭޝަނާ ޙަވާލުކުރި މި މަޝްރޫޢުގައި ޖުމްލަ 5.4 ކިލޯމޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މަޝްރުޢުގެ އަގަކީ ސަތޭކަ އަށް މިލިޔަން ފަސް ލައްކަ ތިރީސް ހާސް ނުވަދިހަ އެއް ރުފިޔާ ތިރީސް ހަތްލާރިއެވެ.

މި މަޝްރޫޢުގެ ދަށުން ދިއްދޫގެ 5.4 ކިލޯމީޓަރު މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.

ދިއްދޫ މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެދަށުން 14 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ.

މީގެއިތުރުން ގއ.ވިލިނގިލީ މަގުތަކުގައި ތާރު އެލޫމުގެ ދެވަނަފިޔަވަހީގެ މަސައްކަތްތަ ކުރުމަށްވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ.

98 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢޫގެ މަސައްކަތްކޮށް ނިންމުމަށް އެ ކުންފުންޔާ ހަވާލުކޮށްފައިވަނީ 490 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މިގޮތުން މި މަސައްކަތުގެ ދަށުން އެރަށުގައި 5 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. މީގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމާއި މަގުބައްތިޖެހުމުގެ އިތުރުން ތާރުއަޅައިގެން ހަދާފައިވާ މަގުތައް ރީސަރފޭސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.