ޚަބަރު

ފަހުނޭވާ ދޫކޮށްލީ ބަރަކާތްތެރި ރެއަކު ބަރަކާތްތެރި ބިމަށް، ފަހު ބަހަކީ ޝަހާދަތުގެ ދެކަލިމަ


އުމްރާގެ މަތިވެރި އަޅުކަން އަދާކުރަމުން ދަނިކޮށް ބ.އޭދަފުށީ މާބަގީޗާގޭ އުމުރުން 76 އަހަރުގެ އަބޫބަކުރު ހަސަން (ބަކުރުބެ) ނިޔާވި ޚަބަރު ވެގެން ދިޔައީ މުޅި އޭދަފުއްޓަށް މޮޅިވެރިކަމައި ހިތަމަވެރިކަން ގެނުވި ޚަބަރަކަށެވެ. ބަކުރުބެއަކީ އެކުވެރިންނާއި ރަޙުމަތްތެރިން ގިނަ މީހެކެވެ. ރަށުގެ ކުދިބޮޑު އެންމެންގެ ގާތް މިތުރެކެވެ.

ޚުލްޤުހެޔޮ މާތް މީހެއްގެގޮތުގައި ގިނަބަޔަކު ދެކޭ ބަކުރުބޭ ރަށުގެ މަގުމަތިން ނުފެންނަ ދުވަސްތަކަށް މިފަހަކަށްއައިސް ފާހަގަކުރެވުނު ދުވަސްތަކަކީ ބަކުރުބޭގެ ބަލިހާލު ބޮޑުވެ ރަށުން ބޭރުގައި މާލޭގައި ފަރުވާކުރަން ޖެހުނު ދުވަސްތަކެވެ.

ބަކުރުބޭ ނިޔާވުމުގެ ކުރިން މެއަށް ތަދެއް އެރިކަމަަށް ޢާއިލާއިން ބުނެއެވެ. މިއީ މިގޮތަށް ބަކުރުބޭގެ މެއަށް ތަދެއްއެރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ދެފަހަރަކު މިގޮތަށް ތަދު އަރައި ނެވާ ހުއްޓިގެން މަކުރުބެ ނިޔާވީކަމަށްވެސް ހީވި ދުވަހެއް ދިޔައެވެ. އެދުވަހު ޢާއިލާގެ އެންމެން ވަރަށްރޮއި ހިތާމަވެސް ކުރިއެވެ. މިއިން އެއްފަހަރަކު ބަކުރުބޭގެ ފުރާނަ ސަލާމަތް ކުރެވުނީ ޑޮކްޓަރުންގެ ބުރަމަސައްކަތުންނެވެ. އެފަހަރު ޙާލު ސީރިޔަސްވެ އިތުރު ފަރުވާއަށް މާލެވެސް ފޮނުވިއެވެ.

މިގޮތަށް ބަކުރުބޭގެ މެއަށް ތިން ފަހަރެއްގެ މަތިން ތަދުއެރިކަމަށް ޢާއިލާއިން މަޢުލޫމާތު ދެއެވެ. މިތިން ފަހަރުވެސް މިކަން ދިމާވީ ނަމާދުކޮށް ނިންމުމާއެކުއެވެ. އެންމެ ފުރަތަމަ އިޟާ ނަމާދެއްގެ ފަހުންނެވެ. އެއަށްފަހު މިދިޔަ އަހަރުގެ ޖެނުއަރީމަހު ބަކުރުބޭގެ މެއަށްތަދު އެރީ އަސުރު ނަމާދެއްކޮށް ނިންމާލިތަނާއެވެ.

ބަކުރުބޭ، މި ފަނާވަނިވި ދުނިޔެއާ ވަކިވެގެން ދިޔައީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މާތްވެގެންވާ މައްކާގެ ބިމުގައި ކުރި ފަތިސް ނަމާދަކަށްފަހުގައެވެ. އެއީ މި އެޕްރީލްމަހުން 27ވަނަ ދުވަހެވެ. ރަމަޟާންމަހުން 26އެވެ. މެއަށް ތަދުވާވަހަކަ ދަރިން ކައިރީގައި ބުނުމާއި އެވަގުތު ބަކުރުބޭގެ ޙާލަތު ބަދަލުވަމުން ދިޔަގޮތުން، ދަރިން އެދުނީ ޝަހާދަތް ކިޔުމަށެވެ. ބަކުރުބޭގެ އެންމެ ފަހު ބަހަކީ ޝަހާދަތުގެ ދެކަލިމައެވެ.

ހަމަ ޔަޤީނުންވެސް ބަކުރުބޭގެ ވަކިވެގެން ދިއުމަކީ އޭދަފުށްޓަށް ލިބުނު ފުން ހިތާމައެކެވެ. އެންމެންނާ ގުޅޭ މުހިންމު އިސްރައްވެއްސެއް ނެތިދިއުމެވެ.

މައްކާގެ މާތް ބިމުގައި ބަކުރުބޭގެ އެންމެފަހު ނޭވާ ދޫކޮށްލިއިރު، ޢާއިލާގެ އެންމެންނާއި އެންމެ ގާތް ރަޙުމަތްތެރިޔާވެސް އެކުގައި ހުއްޓެވެ. މިއީ ވަރަށްބޮޑު އިއްތިފާގެކެވެ. ދުނިޔެ ދޫކުރުމުގެ ވަގުތު ޖެހުމުގެކުރިން ފުރިހަމަވާން އަބަދުވެސް ބަކުރުބޭ އެދެމުންދިޔަ އެއް ކަންތަކެވެ.

ބަކުރުބޭ މިދުނިޔެއާ ވަކިވެގެން ދިޔައިރު ގާތުގައި 7 ދަރިންނާއި އަނބިމީހާއާއި އަނބިމީހާގެ ދައްތަގެ އާއިލާގެ މެންބަރުންނާއި ބަކުރުބޭގެ އެންމެ ގާތް އެކުވެރިޔާ ނުވަތަ އޭނާގެ ބެސްޓް ފްރެންޑްވެސް ހުއްޓެވެ. މިއެންމެންވެސް މިފަހަރު ބަކުރުބެއާއެކު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔައެވެ. އެއީ ބަކުރުބޭގެ އެދުމެކެވެ. ބަކުރުބޭއަށް ކާފަކިޔާ 11 ކުދިން އެބަތިއްބެވެ. އޭގެތެރެއިން ޢުމްރާދަތުރުގައި ބައިވެރިވީ އެންމެ ކުއްޖެކެވެ.

ބަކުރުބޭގެ ކަށުނަމާދު އޮތީ ރަމަޟާންމަހުގެ 27 ވިލޭރޭ މާތްވެގެންވާ ހަރަމްފުޅުގައެވެ. ވަޅުލީ މައްކާގެ މާތް ބިމުގައެވެ. މި މާތް ރޭގައި ބަކުރުބޭގެ ކަށުނަމާދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢުމްރާއަށް ގޮސްތިބި އެތައް ހާސްބަޔަކު ބައިވެރިވިއެވެ.