ވިޔަފާރި

އެސްޓީއޯގެ އަހަރީ ރިޕޯޓު އާއްމުކުރުން ފަސްކޮށްފި


ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކުރުން ފަސްކުރުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެފައިެވެ.

އެސްޓީއޯއިން އެކުންފުނީގެ ހިއްސާދާރުންނަށް އެންގި އެންގުމެއްގައި ބުނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކުރުން ލަސްވެފައިވަނީ އެކުންފުނީގެ ދަށުން ހިންގާ ބައެއް ކުންފުނިތަކުގެ އޮޑިޓްތައް ނިންމުމުގައި ލަސްތަކެއް ދިމާވުމުގެ ސަބަބުން ކަމަށެވެ.

އެސްޓީއޯއަކީ ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި ރެޖިސްޓްރީ ކުރެވިފައިވާ ކުންފުންޏެކެވެ. މި ލިސްޓުގައި ރެޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކުން ޢަމަލު ކުރަން ޖެހޭނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގް ރޫލްސް އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު އާންމު ކުރުމާއި ބެހޭ ޤަވާއިދަށެވެ. މި ޤަވައިދުގެ ދަށުން ލިސްޓު ކުރެވިފައިވާ ކުންފުނިތަކުން ކުންފުނީގެ އަހަރީ ރިޕޯޓު އެޕްރީލް 30 ވަނަ ދުވަހުގެ ކުރީން ހިއްސާދާރުންނަށް އެނގޭނެހެން އާންމުކުރަން ޖެހެއެވެ.

ނަމަވެސް އެސްޓީއޯގެ އޮޑިޓްތައް ލަސްވުމާއެކު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދައާއިއެކު، މި ރިޕޯޓު އަންނަ މަހު 15 ވަނަ ދުވަހުގެ ކުރީން އާންމު ކުރުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.

އެސްޓީއޯގެ ދަށުން ދައުލަތުގެ ބައެއް ކުންފުނިތައް ދަނީ ހިންގަމުންނެވެ. އެގޮތުން މިފްކޯ، މޯލްޑިވްސް ގޭސް، ފިއުލް ސަޕްލައި އަދި އެލައިޑް އިންޝުއަރެންސް ހިމެނެއެވެ.

އެސްޓީއޯއިން މިހާތަނަށް އާންމުކޮށްފައިވާ އަހަރީ ރިޕޯޓުތައް ދައްކާގޮތުން، 2020 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފުރަތަމަ ކުއާޓަރުގައި ލިބުނު 2.5 ބިލިއަން ރުފިޔާ، ދެވަނަ ކުއާޓަރުގައި ލިބުނު 1.3 ބިލިއަން ރުފިޔާ، 3 ވަނަ ކުއާޓަރުގައި ލިބުނު 1.5 ބިލިއަން ރުފިޔާ އަދި ފަހު ކުއާޓަރުގައި ލިބުނު 1.9 ބިލިއަން ރުފިޔާއެވެ.