ޚަބަރު

ކޯވިޑާއި ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑު: ޒިފްލީނާ


ކޯވިޑް-19އާ ދެކޮޅަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތުގެ އެންމެ އިސް ސަފުގައި އަންހެނުންގެ ދައުރު ބޮޑުކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ ޒިފްލީނާ މިކަން ފާހަގަކުރެއްވީ "ކޮމަންވެލްތު ވިމެންސް އެފެއަރޒް މިނިސްޓަރސް އެކްޝަން ގްރޫޕް"ގެ ބައްދަލުވުމުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ޒިފްލީނާގެ ވާހަކަފުޅުގައި ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އެކަށައެޅި މެކޭނިޒަމްގައި ހިމެނޭ މުހިއްމު ދެ އިދާރާކަމަށްވާ ހެލްތު އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގެވުމުގައި މި ބަލިމަޑުކަމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ އަންހެން ބޭފުޅުންކަން ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަމުގައި ޞިއްޙީ ދާއިރާ ބޮޑު ބުރައެއް އުފުލިއިރު، އެ ދާއިރާގައިވެސް ގިނައިން މަސައްކަތްކުރަމުން ދަނީ އަންހެނުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ކޮމަންވެލްތު ވިމެންސް އެފެއަރޒް މިނިސްޓަރސް އެކްޝަން ގްރޫޕް"ގެ ބައްދަލުވުމުގައި، ކޯވިޑް-19 އާއި މިންތީގެ ހަމަހަމަކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު މިނިސްޓީރިއަލް ޑައިލޮގްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޒިފްލީނާ ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ދިވެހިރާއްޖޭގައިވެސް ކޯވިޑުގެ ނޭދެވޭ އަސަރު އަންހެނުންނަށް ބޮޑަށް ކުރިކަމަށެވެ.

އެގޮތުން ފުރަބަންދުކުރުމާއި، އާމްދަނީ ލިބޭނެ މަގު ބަންދުވުމުގެ ސަބަބުން ގެވެށި އަނިޔާއަށް އަންހެނުން އިތުރަށް ހުށަހެޅިގެން ދިޔަކަމަށާއި، ފުރަބަންދަށްފަހު ރިޕޯޓްކުރެވުނު ގެވެށި އަނިޔާގެ ކޭސްތަކުގެ އަދަދު އިތުރުކަމަށް ޒިފްލީނާ ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ބަލިމަޑުކަމުގެ ކުރީކޮޅު ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން އަޅުއްވައި، ގެވެށި އަނިޔާގެ އަމަލުތައް ރިޕޯޓްކުރާނެ ޚާއްސަ ހޮޓްލައިނެއް ޤާއިމްކޮށް، ހޭލުންތެރިކުރުމަށް ޖެންޑަރ މިނިސްޓްރީން "ގެވެށި ގުޅުން"ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ލޯންޗްކުރެއްވިކަން ޒިފްލީނާ ފާހަގަކުރެއްވިއެވެ.

ރަސްމީ ވަޒީފާގެ ދާއިރާގައި ނޫޅޭ ގިނަ އަދަދެއްގެ އަންހެނުން އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކޯވިޑުގެ ސަބަބުން އެމީހުން އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅުނުކަން ފާހަގަކުރައްވައި، އެފަދަ ފަރާތްތަކަށް އިންކަމް ސަޕޯޓް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މަދުކުރެވުނުކަންވެސް މި ބައްދަލުވުމުގައި ޒިފްލީނާ ފާހަގަކުރެއްވިއެވެ.