ރިޕޯޓް

ތިން ރުއް ޕާކު ތަރައްޤީކުރުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ


ސުނާމީ ބިނާ މިހާރު ބަހައްޓައި، ޕާކަކާއިއެކު ތަރައްޤީކުރައްވާ ތިން ރުއް ޕާކު ސަރަޙައްދުގެ މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ މެދުތެރޭގައި މިމޭނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ އެތަނުން ނެންގެވުމަށްފަހު މިހާރު އެ ބިނާ ބެހެއްޓެވުމަށް ނިންމަވާފައިވާ ތިން ރުއްޕާކު ސަރަޙައްދު ތަރައްޤީ ކުރެއްވުމަށް ފައްޓަވާފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. ޑިސެމްބަރ މަހުގެ ނިޔަލަށް މަސައްކަތް ނިންމެވުމަށް އަމާޒު ކުރެއްވި ނަމަވެސް އެ ސަރަހައްދު މާރާމާތު ކުރުމަށް ގިނަ ދުވަސްތަކެއް ވުމުން  ލަސްވެގެންދިޔައީ ކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.ހައުސިންގ މިނސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ، މަސައްކަތުގެ ބޮޑު ޕަސެންޓޭޖެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ވެލި އެޅުމާއި އެތަން ރީތި ކުރެއްވުމުގެ މަސައްކަތް ކަމަށެވެ. ކުރިން އެ ސަރަޙައްދުގައި ގުންޑޮޅި ކަނޑައިގެންގޮސް ހަލާކުވެފައިވާ ތަން މަރާމާތުކޮށް އަލުން ޝީޓްޕައިލްކޮށް މިހާރުވަނީ ނިންމަވާފައެވެ. އަދި މިހާރު ކުރިއަށްދަނީ ސުނާމީ ބިނާ ބަހައްޓާތަން ހެދުމުގެ މަސައްކަތެވެ.އެސަރަޙައްދު ތަރައްޤީ ކުރެއްވުމަށް ހައުސިންގ މިނސްޓްރީން ނިންމަވާފައިވަނީ، ޕާކަކާއިއެކު މީހުންނަށް ހިތްހަމަޖެހިގެން އުޅެވޭނެފަދަ ތަނަވަސް ތަނެއްގެ ގޮތުގައެވެ. އަދި ދުއްވާ އެއްޗިއްސަށް ނުވަދެވޭނެހެން އެތަން ބަންދު ކުރައްވާނެ ކަމަށްވެސް ހައުސިން މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.