އައްޑޫ ސިޓީގައި ތަރައްޤީކުރާ ރެޒިޑެންޝަލް ހައުސިންގ ޔުނިޓުތަކުގެ ޝިޕްމަންޓް ރާއްޖެ ގެނައުމަށް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފުރުވާލާނެ މިމަސައްކަތުގެ ކޮންޓްރެކްޓަރއާއި ހަވާލާދީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެންމެ ފުރަތަމަ ޝިޕްމަންޓުގައި އަންނަނީ ސާމްޕަލް ގެތަކެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އައްޑޫ ސިޓީގައި ގިނަ ދުވަސްތަކެއްވަންދެން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެއެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އެކަން ކުރެވޭނެ ފަހި ގޮތްތަކެއް ހަމަޖެއްސުމަށް އައްޑޫ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ތުރުކީގެ ވިޒްޔޮން ވިލާއާއެކު މިފަދަ ގޯތިތަކުގައި ޚާއްސަ މޮޑެލްތަކަށް ގެތައް އަޅައިދިނުމަށް މިއަހަރުގެ ޖެނުއަރީ މަހު ސިޓީ ކައުންސިލުންވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.
މިމަޝްރޫޢުގެ ދަށުން މަސައްކަތް ކުރިއަށްދާގޮތް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ ތުރުކީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އައްޑޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ގެތައް ހުންނާނެގޮތުގެ ސާމްޕަލް ފޮނުވުމުގެ މަސައްކަތް މިހާރުކުރަމުން އަންނަކަމަށެވެ. އެގޮތުން ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ގެތަކުގެ ސާމްޕަލް ޝިޕްމަންޓު ރާއްޖެއަށް ފުރުވާލާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. 6 ކޮންޓެއިނާގެ މި ޝިޕްމަންޓުގައި 5 ޑިޒައިނެއްގެ ގެތައް ހިމެނޭކަމަށް މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ނިޒާރު ވިދާޅުވީ މިޝިޕްމަންޓް އައްޑުއަށް އައުމުން، ކައުންސިލުން ކަނޑައަޅާ ވަކިތަނެއްގައި ގެތައް އެސެމްބަލްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. އޭގެފަހުން މީހުންނަށް ދައްކާލާނެކަމަށާއި އެމީހެއްގެ ގޯތީގައި ގެއެޅުމުގެ މަސައްކަތް ކުރާނީ އެމީހަކު ބޭނުންވާ ގޮތަކަށްކަމަށް މޭޔަރ ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ގޯތިދޫކޮށް ގިނަ އަހަރުތަކެއްވެފައިވީނަމަވެސް ގެއެޅުމަށް މާލީ ގޮންޖެހުންތަކެއް ގިނަ ބަޔަކަށް ވަނީ ކުރިމަތިވެފައެވެ. މީގެ ސަބަބުން ރަށުތެރޭގައި ގިނަ ފަޅުގެތަކެއް ހުރިއިރު ބޯހިޔާވަހިކަމުގެ މައްސަލަވަނީ ބޮޑުވެފައެވެ. ސަބަބަކީ އައްޑޫ ސިޓީގައިވެސް ގޯތި ދޫނުކުރާތާ އެތައް އަހަރެއްވެފައިވުމާވެސް އެކުގައެވެ. އެހެންކަމުން ކައުންސިލުން އަންނަނީ އެފަދަ ފަރާތްތަކަށް ފަހިގޮތަކަށް ގެއެޅޭނެ މަގު ހޯދައިދެމުންނެވެ. މިމަޝްރޫޢުގެ ދަށުން ހެޔޮ އަގުތަކެއްގައި އަމިއްލަ ގެއެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.