ސިންގަޕޫރުގައި އަޅާފައިވާ ކޯވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައިފިއެވެ.
ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ސިންގަޕޫރުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމުން އެ ޤައުމަށްވަނީ އައު ދިރުމެއް އައިސްފައެވެ. އެ ގޮތުން ރަސްމީގަޑީގައި މަގުތައްމަތިން ކުރިން ފެނުނު ހަލަބޮލިކަން އަލުން ފެނި ޢާއްމު ތަންތަން އެތައް ބަޔަކުވަނީ ޖަމާވާން ފަށައިފައެވެ. ބައެއް ޙާލަތްތަކުގައި މާސްކުއެޅުން މަޖުބޫރުވި ނަމަވެސް އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމުން ގިނަ ބަޔަކަށްވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.
5.5 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ދުނިޔޭގެ އިޤްތިޞާދީ މައިމަރުކަޒެއްކަމަށްވާ ސިންގަޕޫރުގައި ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެހެން ޤައުމުތަކަށްވުރެ ރަނގަޅުކަމަށްވަނީ ފާހަގަކުރެވިފައެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި އެ ޤައުމުގެ އާބާދީގެ %93 މީހުން ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވެއެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ސިންގަޕޫރުގައި 1.18 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ. އޭގެ ތެރެއިން 1,331 މީހުންވަނީ މަރުވެފައެވެ.