ޗައިނާއަށް ދައްކަންޖެހޭ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ދަރަންޏަށް ލުއިގޮތްތަކެއް ހޯދަން ސުރީ ލަންކާއިން މަޝްވަރާކުރަން ފަށައިފިއެވެ.
ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް އިންޑިޔާއިންނާއި ބައިނަލްއަޤްވާމީ މާލީ އިދާރާއިންނާއި ވޯލްޑު ބޭންކުން ބޮޑެތި މާލީ އެހީތަކެއް ލިބޭނެކަންވަނީ ކަށަވަރުކޮށްފައެވެ. އޭގެ ތެރެއިން އިންޑިޔާއިން އެކަނި ދެ ބިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދިނުމަށްވަނީ އެއްބަސްވެފައެވެ. އޭގެ އިތުރުން ފަހުން ފައިސާދައްކައި ގޮތަށް ސުރީ ލަންކާއަށް ތެލާއި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭހުގެ ސާމާނު ދިނުމަށްވެސް އިންޑިޔާއިންވަނީ ނިންމައިފައެވެ.
22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާއިން ދިގު މުއްދަތަކަށް ބަހާލައިގެން ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ 51 ބިލިޔަން އެމެރިކާ ޑޮލަރު އެބައޮތެވެ. އޭގެ ތެރެއިން އަންނަ ޖުލައި މަހުގެ ތެރޭގައި އެއް ބިލިޔަން އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ. ސުރީ ލަންކާއިންވަނީ ދަރަނިތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް ޗައިނާއާއި ޖަޕާނާއި އޭޝިޔަން ޑެވެލޮޕުމެންޓު ބޭންކު، އޭޑީބީގެ އެހީތެރިކަމަށް އެދިފައެވެ.
ސުރީ ލަންކާއިން އެންމެ ބޮޑު ދަރަންޏެއް ދައްކަންޖެހޭ ޤައުމަކީ ޗައިނާއެވެ. އެ ގޮތުން ޗައިނާއަށް 3.5 ބިލިޔަން އެމެރިކާ ޑޮލަރު ދައްލަން އެބައޮތެވެ. ދަރަނިތަކަށް ލުއިގޮތްތަކެއް ހޯދަން ސުރީ ލަންކާއިން މަޝްވަރާކުރަން ފެށިކަމަށް ބުނި ނަމަވެސް ޗައިނާއިން އެ ކަމާމެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގު ޔީއާ ބައްދަލުކުރައްވައި ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސާދިނުމަށް ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެދިވަޑައިގެންފައިވެއެވެ.