ޚަބަރު

މިދިޔަ ހަފްތާގައި ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރީ 49 މީހުން


ވޭތުވެދިޔަ ހަފްތާގައި ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މިންވަރު ހުރީ އޭގެ ކުރީ ހަފްތާއާ ދާދި އެއްވަރެއްގައިކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑްގެ ހާލަތު ރާއްޖޭގައި ރަނގަޅުވެފައިވީ ނަމަވެސް އެޗްޕީއޭއިން ދަނީ ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ވެކްސިންގެ ތަފާސްހިސާބުތައް އާއްމުކުރަމުންދަނީ ހަފްތާއަކު އެއް ފަހަރެވެ.

އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ، އާއްމު ޙާލަތަށް ގިނަ ކަންތައްތަކެއް ގެނައި ނަމަވެސް، ޑޮކްޓަރުން އަދިވެސް ދަނީ ކޯވިޑުން ދިފާޢުވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރަމުންނެވެ. މިއީ ބަލިމަޑުކަމުގައި މީހާގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ޖަހާ ވެކްސިނެކެވެ. ނަމަވެސް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވާން ފަށާފައެވެ.

ކޯވިޑްގެ ބޫސްޓަރ ޑޯޒް ޖަހަން ފެށި ފަހުންވެސް އާއްމުކޮށް ދުވާލަކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާ މީހުންގެ އަދަދު ހުރީ 2000އިން މަތީގައެވެ. އެހެންނަމަވެސް ވޭތުވެދިޔަ ހަފްތާގައި ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހީ 566 މީހުންނެވެ. މިގޮތުން މިހާރު ވެކްސިން ޖެހޭ އާބާދީގެ ތެރެއިން ބޫސްޓަރ ޑޯޒް މިހާތަނަށް ފުރިހަމަކުރީ އާބާދީގެ 35.02 އިންސައްތަ މީހުންނެވެ. އަދި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 158،566އެވެ.

މިދިޔަ ހަފްތާގައި ވެކްސިންގެ 2 ޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރީ 49 މީހުންނެވެ. ޖުމްލަ 383،925 މީހުން ދެ ޑޯޒް ޖަހާފައިވާއިރު އެއީ ވެކްސިން ޖެހޭ އާބާދީގެ 84.79 އިންސައްތަ މީހުންނެވެ.

މިދިޔަ ހަފްތާގައި މުޅިން އަލަށް ވެކްސިންގެ ފުރަތަ ޑޯޒް 22 މީހުން ޖެހިއެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް 398579 މީހުން ވަނީ ޖަހާފައެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 88.03 އިންސައްތަ މީހުންނެވެ.

ރަމަޟާންމަހު މާލޭ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައެވެ. މި ދެ ހޮސްޕިޓަލުންވެސް ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން 11 އަށް ވެކްސިން ޖެހުން ކުރިއަށްދާނެއެވެ. ދެ ސެންޓަރުގައިވެސް ޖަހަނީ ފައިޒަރ ވެކްސިންއެވެ.