ޚަބަރު

ވިޔަފާރިތައް ގިންތިކުރާ މިންގަނޑަށް ބަދަލު ގެންނަން ފާސްކޮށްފި


ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތައް ގިންތިކުރުމުގެ މިންގަނޑަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފަރީގެ ޤާނޫނަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އިޞްލާހު ހުށަހެޅުއްވީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އެންމެކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމުގައި، ކުދި ވިޔަފާރިޔަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ނިޞްބަތްކޮށް ވަކިވަކި ޢަދަދުތަކެއް ކަނޑައެޅިފައިވާތީ، އެ ވިޔަފާރިތައް ގިންތިކުރުމުގައި ޤާނޫނުގައި އުޞޫލުތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށެވެ. މީގެ އިތުރުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށް ޢަމަލުކުރަން ފަށާ ތާރީޚާ ހަމައަށް، ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކެއް ގިންތިކުރުމަށް މަގުފަހިކުރުމަކީވެސް ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފަރީގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ މަޤްޞަދެއްކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ވިޔަފާރިތައް ގިންތިކުރާ މިންގަނޑު ބަދަލުކުރުމަށް ރިޒާ ހުށައެޅުއްވި އިޞްލާހު ދިރާސާކުރި އިޤްތިޞާދީ ކޮމިޓީންވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ވިޔަފާރިތައް ގިންތިކުރުމަށް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ ޢަދަދާއި ޖުމްލަ ޢާމްދަނީގެ އިތުރުން ސާފު ފާދައިގެ މިންވަރަށް ބަލައިގެންނެވެ.

ކޮމިޓީން ގެނައި ބަދަލާއެކު މަޖިލީހުން ފާސްކުރި އިޞްލާހުގައި ވާގޮތުން ވިޔަފާރިތައް ގިންތިކުރާ މިންގަނޑުތައް:

އެންމެ ކުދި ވިޔަފާރިތައް ގިންތިކުރާ މިންގަނޑު

  • 1- މުވައްޒަފުންގެ ޢަދަދު 0އިން 5އަށް
  • 2- ޖުމްލަ އާމްދަނީ 1،000،000 ރުފިޔާއަށް
  • 3- ސާފު ފައިދާއަށް 250،000 ރުފިޔާއަށް

ކުދި ވިޔަފާރިތަކުގެ ގޮތުގައި ގިންތިކުރާ މިންގަނޑު

  • 1- މުވައްޒަފުންގެ ޢަދަދު 6 އިން 30އަށް
  • 2- ޖުމްލަ އާމްދަނީ 1،000،001 ރުފިޔާއިން އިން ފެށިގެން 10،000،000 ރުފިޔާއަށް
  • 3- ސާފު ފައިދާ 250،001 ރުފިޔާ އިން 2،500،000 ރުފިޔާއަށް

މެދު ވިޔަފާރިއެއްގެ ގޮތުގައި ގިންތިކުރާ މިންގަނޑު

  • 1- މުވައްޒަފުންގެ ޢަދަދު 31 އިން 100 އަށް
  • 2- ޖުމްލަ އާމްދަނީ 10،000،001 ރުފިޔާއިން ފެށިގެން 30،000،000 ރުފިޔާއަށް
  • 3- ސާފު ފައިދާ 2,500,001 ރުފިޔާއިން ފެށިގެން 5000،000 ރުފިޔާއަށް

މި ބަދަލު ގެނައި ސަބަބެއްކަމަށް ކޮމިޓީ ރިޕޯޓްގައި ބަޔާންކޮށްފައިވަނީ ވިޔަފާރިއަށް އަންނަ ކުޑަ ބަދަލެއްގެ ސަބަބުންވެސް ވިޔަފާރީގެ ގިންތި ބަދަލުވާތީކަމަށެވެ. އެއީ އެކަން ވިޔަފާރިތަކުން މައްސަލައެއްގެ ގޮތުގައި ފާހަގަކުރަމުން ދިއުމާއި، ޓެކުހާއި އެންމެ ކުޑަމިދުންދޭ އުޖޫރަ ދިނުމުގައި ވިޔަފާރިތަކުން ސަމާލުވާންޖެހޭތީއާއި، ގިންތި ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުންކަމަށްވެސް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.