ވިޔަފާރި

ސައުދީ ފަންޑުގެ އެހީތެރިކަމާއެކު ހިންގާ މަޝްޜޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ސައުދީ ފަންޑުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން އަލް މަރްޝަދު މަޝްވަރާކުރައްވައިފިއެވެ.

ސައުދީ ފަންޑާއި އެއްކޮށް ފިނޭންސް މިނިސްޓަރ ބޭއްވި މި ބައްދަލުވުމުގައި، މިނިސްޓަރ އިބްރާހިމް އަމީރުގެ އިތުރުން ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ޙަލީލް ބައިވެރިވެޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ސައުދީ ފަންޑާއި ގުޅިގެން ރާއްޖޭގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ސައުދީ ފަނޑުގެ އެހީގައި ރާއްޖޭގައި މިހާރުވެސް ތަފާތު އެކި މަޝްރޫޢުތަައް ހިނގައެވެ. އެގޮތުން ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް މަސައްކަތަކީ މި ފަންޑުގެ އެހީއާއެކު ކުރިއަށްދާ މަޝްރޫޢުއެކެވެ. އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތަށް 357 މިލިއަން ޑޮލަރު ޚަރަދުވާއިރު، މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ.

އައު ޓަރމިނަލްގެ މަސައްކަތް ސަޢުދީ ބިންލާދިން ގްރޫޕާ، އެންމެ ފުރަތަމަ ޙަވާލުކޮށްފައިވަނީ 2016ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، ބިންލާދީން ގްރޫޕާއެކު ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް، އެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު އެމް.އޭ.ސީ.އެލުން އަލުން ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ކޫއްޑޫ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢަކީވެސް ސައުދީ ފަންޑުގެ އެހީތެރިކަމާއިއެކު ކުރިއަށްދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ކޫއްޑޫގައި ހުރި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖަށް އިތުރު 4000 ޓަން އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މިއާއިއެކު އިތުރުން 50 ޓަނުގެ އައިސް އުފެއްދޭނެ ނިޒާމެއް ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ހުޅުމާލޭގައި ހިންގާ މަޝްރޫޢުގެ ދަށުން 2700 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ މަޝްރުޢަކަށް މި ފަންޑުން ޙަރަދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސައުދީ ފަންޑުން އެންމެ ފަހުން ޙަރަދުކޮށްގެން ނިންމާފައިވާ އެއް މަޝްރޫޢުއަކީ އައްޑޫގައި ޤާޢިމްކޮށްފައިވާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ނުވަތަ 100 އެނދުގެ ތާޝަރީ ހޮސްޕިޓަލުގެ މަޝްރޫޢެވެ.

ސައުދީ ފަންޑު 1975 ގައި ޤާއިމްކޮށް، އެންމެ ފުރަތަމަ އެ ފަނޑުން ލޯން އެހީއެއް ދިވެހި ރައްޖޭއަށް ދީފައިވަނީ 1978 ވަނަ އަހަރުއެވެ. އެއީ މިހާރުގެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫއަށެވެ. އޭރު އެ ފަނޑުން އެމަޝްރޫޢަށް 31.5 މިލިއަން ސައުދީ ރިޔާލް ވަނީ ދީފައެވެ.

އޭގެ ފަހުން މިހާތަނަށް 14 މަޝްރޫޢެއް ހިނގުމަށް ސައުދީ ފަންޑުގެ އެހީތެރިކަން އެކި ފަހަރު މަތިން ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.