ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނުތަނަވަސްކަމުގެ ސަބަބުން އެޤައުމުގައި ތިބި ދިވެހިންނަށް އެހީ ބޭނުންވެ އެފަދަކަމަކަށް އެދިފައި ނުވާކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފޮރިންގ މިނިސްޓްރީން މިހެން ވިދާޅުވެފައިވާއިރު ލަންކާގައި ދިރިއުޅެމުންދިޔަ އެތައް ދިވެހިންނެއް އަންނަނީ އެޤައުމު ދޫކޮށް ރާއްޖެއަށް ބަދަލުވަމުންނެވެ.
ކޯވިޑް-19ގެ ސަބަބުން ކުރިމަތިވީ އިޤްތިޞާދީ އަޑިގަނޑުގެސަބަބުން ލަންކާގައިވަނީ ކަންބޮޑުވާފަދަ ޙާލަތެއް ކުރިމަތިވެފައެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު ތެޔޮ އަންދައިގެން ހަކަތަ އުފައްދާ ލަންކާގައި ޑޮލަރުގެ އަގުބޮޑުވެ ތެޔޮ ގަނެވޭނެ ގޮތެއްނެތި ކަރަންޓު ކަނޑާލަންވަނީ މަޖުބޫރުވެފައެވެ. މިހުރިހާކަމަކާ ގުޅިގެން އެޤައުމުގެ ސަރުކާރާ ދެކޮޅަށް ޢާއްމުންނާއި އިދިކޮޅު ފަރާތްތަކުން ނިކުމެ މަގުމަތީ މުޒާހަރާކުރަން ފަށާފައިވާއިރު ޤައުމުގެ ޙާލަތުވަނީ ބޮއްސުންލާފައެވެ.
ލަންކާގެ އެތެރޭގެ ޙާލަތު ނާޒުކު ފައްތަރެއްގައި އޮތްއިރު އެއީ ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމެވެ. ލައެޤައުމުގައި ތިބި ދިވެހިންނާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒްއިން ވިދާޅުވީ ލަންކާގައި ތިބި އެއްވެސް ދިވެއްސަކު މިހާތަނަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމަކަށް އެމްބަސީ މެދުވެރިކޮށް އެދިފައިނުވާކަމަށެވެ. އަދި އެޤައުމުގެ ޙާލަތާއި ދިވެހިންގެ ޙާލު ގާތުން ބަލަމުންދާނެކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ.
ލަންކާގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން އެޤައުމުން ރާއްޖެއަށް އައި ބައެއް ދިވެހިން ބުނާގޮތުން ލަންކާގައި ދިވެހިންނަށް މާބޮޑު ދައްޗެއް ކުރިމައްޗެއް ނުވެއެވެ. އެންމެ އުނދަގޫވަނީ ކަރަންޓު ކަނޑާލާތީކަމަށް ބައެއް ދިވެހިން ފާހަގަކުރިއެވެ. އެހެންނަމަވެސް މިމައްސަލަ މިހާރު މަޑުމަޑުން ޙައްލުވަމުންދާކަމަށްވެސް ބައެއް ދިވެހިންވަނީ ފާހަގަކޮށްފައެވެ. އެގޮތުން މީގެ ކުރިން 14 ގަޑިއިރު ކަރަންޓު ކަނޑާލިނަމަވެސް މިހާރު ކަރަންޓު ކަނޑާލަނީ އެކި ގަޑިގަޑިތަކަށް ބަހާލައިގެން ދުވާލެއްގެ 3 ފަހަރަކަށްކަމަށްވަނީ ފާހަގަކޮށްފައެވެ.
ލަންކާގައި އޮތް އިޤްތިޞާދީ ޙާލަތުގައި ތަކެތީގެ އަގު އުފުލެމުންދާއިރު އެއާއެއްވަރަށް ޑޮލަރުގެ އަގުވެސް އަންނަނީ އުފުލެމުންނެވެ. އެހެންކަމުން ތަކެތި ގަތުމުގައި ދިވެހިންނަށް މާބޮޑު އުނދަގުލެއް ކުރިމަތިނުވާކަމަށް ބައެއް ދިވެހިންވަނީ ފާހަގަކޮށްފައެވެ.
ކޯވިޑް-19ގެ ސަބަބުން އަޑިއަޅާލި ލަންކާގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި އަވައްޓެރި އިންޑިއާއާއި ޗައިނާގެ އެހީތެރިކަމާއި ބައެއް އެހެން ޤައުމުން އަންނަނީ ލަންކާއަށް އެހީވަމުންނެވެ. މިކަމުގައި ދުނިޔޭގެ މާލީ އެކި އިދާރާތަކުންވެސް ބައިވެރިވެއެވެ. ލަންކާގެ ދަރަނި ބޮޑުވެ ޢާމްދަނީ ލިބޭނެ މަގުތައް ހަނިވެފައިވުމުގެ ސަބަބުން 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާއިން އަންނަނީ ދަރަނި ދެއްކޭނެ ލުއި ގޮތްތަކެއް ހޯދުމަށް ޤައުމުތަކާއި އަދި މާލީ އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ.