ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގޭތައް އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުންވަނީ އުލިގަމުގައިވެސް އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އުލިގަމު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުހައްމަދު އިރުޝާދު ވިދާޅުވީ އެރަށުގައި ސަރުކާރުން އިމާރާތްކުރަން ފަށާފައިވާ އައު އިންޖީނުގޭގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތްކަމަށް އޭނާވަނީ ފާހަގަކުރައްވާފައެވެ. އަދި މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ އިންޖީނުގޭގެ މަސައްކަތް އޮގަސްޓު މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް މުހައްމަދު އިރުޝާދު ވިދާޅުވިއެވެ.
500 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ އުލިގަމުގައި މިހާރު ބޭނުން ކުރަމުންދާ އިންޖީނުގޭ ހުންނަނީ މީހުން ދިރިއުޅޭ ސަރަހަދެއްގައި ކަމުން އިންޖީނުގޭގެ އަޑާއި ދުމުގެ އަސަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު މުއާޒް ވިދާޅުވިއެވެެ. ނަމަވެސް މިހާރު އުލިގަމުގައި ސަރުކާރުން އިމާރަތް ކުރަމުންދާ އައު އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ނުރައްކަލުން ސަލާމަތްވުމުގެ އިތުރުން ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުވެ، އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުންތަކަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ކައުންސިލުން ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އުލިގަމުގައި މިހާރު ހަދަމުންދާ އައު އިންޖީނުގެއަކީ ކަނޑައެޅިފައިވާ ޚާއްސަ ޒޯނެއްގައި، މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުހިސާބެއްގައި ހަދަމުންދާ އިންޖީނުގެއެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެހެން ކަމުން މިހާރު އެރަށުގައި އިމާރާތް ކުރަމުންދާ އައު އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް ޒަމާނުން ސުރެއް ދިމާވަމުން އައި ތަކްލީފްތަކަށް ނިމުމެއް އަންނާނެކަމަށް ކައުންސިލްގެ ރައީސް އަހުމަދު މުއާޒް ވިދާޅުވިއެވެ.
އަތޮޅު ތެރޭގައި ފެނަކައިން ޚިދުމަތްދޭ ގިނަ ރަށްރަށުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެކުންފުނިން އަންނަނީ ހިންގަމުންނެވެ. އެގޮތުން މި އިންޖީނުގޭތަކަކީ ރީތި ފަރުމާތަކަކަށް ތަރައްޤީކުރާ ޒަމާނީ އިންޖީނުގެތަކަށް ވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.