ޚަބަރު

ފެރޯ އައިލެންޑްސްއާގުޅޭ ޝައުގުވެރި ވާހަކަތަކެއް


ސްކޮޓްލޭންޑާއި އައިސްލޭންޑާއި ދެޤައުމުގެ މެދަށްވާ ގޮތަށް އެޓްލާންޓިކް ކަނޑުގައި އޮންނަ ފެރޯ އައިލެންޑަކީ 700އަށްވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވޭ ޤައުމެކެވެ. ފެރޯ އައިލެންޑުގައި ވަކި ސަރުކާރެއް އޮވެއެވެ. އެހެންނަމަވެސް ފެރޯއައިލެންޑަކީ ޑެންމަރކުގެ ބެލުމުގެ ދަށުގައި އޮންނަ ޤައުމެކެވެ.

53792 މީހުންގެ އާބާދީއެއް އޮންނަ ފެރޯ އައިލެންޑަކީ ސަޤާފީގޮތުންނާއި ތާރީޙީގޮތުން މުއްސަދި ޤައުމެކެވެ. ތަފާތު ސިފަތަކެއް ލިބިފައިވާ ފެރޯ އައިލެންޑާއި ގުޅޭ ޝައުގުވެރި މައުލޫމާތުތަކަކަށް ބަލާލާނަމެވެ.

1- މީހުން ދިރިއުޅެނީ މަދު ރަށެއްގައި

ފެރޯ އައިލެންޑުގައި 750 އަށްވުރެ ގިނަ ރަށް ހިމެނޭއިރު، އޭގެތެރޭގައި ހިމެނެނީ މައި 18 ރަށެކެވެ. މި 18 ރަށް ބަހާލެވިފައިވަނީ 30 މުނިސިޕަލްޓީއަކަށާއި 6 ރީޖަން އަކަށެވެ. މި 6 ރީޖަންއަކީ ނޯޕޮޔާރު، އެސްޓްރޯއީ، ސްޓްރެމޯއީ، ވެއޭގަރ، ސެންޑޯއީ އަދި ސުއަރޯއީއެވެ.

ފެރޯ އައިލެންޑްސްގެ ވެރިކަންކުރާ ސްޓްރެމޯއީ ރީޖަންގެ ޓޫސޮވަންގައި 20000 މީހުން ދިރިއުޅޭއިރު، މިއީ އެޤައުމުގެ އާބާދީގެ 40 އިންސައްތައެވެ.

2-ފެރޯ އައިލެންޑްސްއަކީ ޑެންމާރކުގެ އޮޓޮނޮމަސް ޓެރިޓަރީއެއް

ގްރީންލޭންޑެކޭ އެއްފަދައިން ފެރޯ އައިލެންޑްސްއަކީވެސް ޑެންމާރކުގެ ބެލުމުގެ ދަށުގައި އޮންނަ ޤައުމެކެވެ. ފެރޯ އައިލެންޑްސްގައި އަމިއްލަ ސަރުކާރެއް އޮވެއެވެ.

1814ވަނަ އަހަރާއި ހަމައަށް ފެރޯ އައިލެންޑްސް ހިމެނިފައިވަނީ ނޯވޭގެ ބައެއްގެ ގޮތުގައެވެ. އެހެން ނަމަވެސް " 1814 ޓްރީޓީ އޮފް ކިއެލް" އަށްފަހު ފެރޯ އައިލެންޑްސް ޑެންމާރކުގެ ބައެއްގެ ގޮތުގައި ހިމެނިގެން ދިޔައެވެ. އަދި 1948 އިން ފެށިގެން ފެރޯ އައިލެންޑް ސެލްފް ގަވަރނިން ޤައުމަކަށްވެފައިވާއިރު، އަމިއްލަ ޤާނޫނު ހަދާ މަޖިލީހެއްވެސް އޮވެއެވެ. ސްކޫލްތަކުގައި ޑެނިޝް ބަހުން ކިޔަވައިދިން ނަމަވެސް ފެރޯއީސްއަކީ އެ ޤައުމީ ބަހެކެވެ.

3- ކަންބަޅީގެ އާބާދީ އިންސާނުންނަށްވުރެ ގިނަ

ތަފާސްހިސާބުތައް ދައްކާގޮތުން ފެރޯ އައިލެންޑްސްގައި 70000 ކަނބަޅި އުޅެއެވެ. ޤައުމުގެ އާބާދީ އަކީ 53358 އެވެ.

9 ވަނަ ޤަރުނުގެ ތެރޭގައި ފާހަގަކުރެވިފައިވާ ފެރޯއީސް ކަނބަޅިއަކީ ވަރަށް ތަފާތު ސިފަތަކެއް ލިބިފައިވާ ކަނބަޅިތަކެކެވެ.

4- ބަސް ދަތުރުތައް ހިލޭ

ފެރޯ އައިލެންޑުގެ ވެރިރަށް ޓޫސޮވަންގައި ބަހުގެ ދަތުރުތަކަށް އަގެއް ނުނަގައެވެ. އެހެންނަމަވެސް މިއީ ކުޑަ ހިސާބަކަށްވުމުން ބަސް ދަތުރުގެ ބޭނުން ހިފަނީ މަދު ބައެކެވެ. ޓޫސޮވަންގައި ދިރިއުޅެނީ 20000 އެއްހާ މީހުންނެވެ. އަދި ހުރިހާ ތަނެއްވެސް ހުންނަނީ ހިނގާލާފައި ދެވޭ ހިސާބުގައެވެ.

ފެރޯ އައިލެންޑުގެ އެހެން ހިސާބުތަކަށްވެސް ދަތުރުކުރުމަށް ފެރީއަށް ދައްކަން ޖެހެނީ ކުޑަ ފީކެވެ. ސަބަބަކީ ސަރުކާރުން މި ޙިދުމަތް ސަބްސިޑައިޒްކޮށްފައިވުމެވެ.

5- ބޮޑުމަސް ޝިކާރަކުރުން

ފެރޯ އައިލެންޑުގެ ޤުދުރަތީ ރީތިކަމަށްވުރެއް އެޤައުމަށް މަޝްހޫރުކަން ލިބިފައިވަނީ ބޮޑުމަސް ޝިކާރަ ކުރުމަށް އެ ޤައުމުގައި ކުރިއަށްގެންދާ ހަރަކާތަށެވެ. އެޤައުމުގެ ސަޤާފީ ކަމެއްގެ ގޮތުގައި ބެލެވޭ މިކަމަކީ ދުނިޔޭގެ ގިނަ ބައެއްގެ ފާޑު ކިޔުންވެސް އަމާޒުވެފައިވާ ކަމެކެެވެ.

މިހާރު މި ހަރަކާތް ކުރިއަށްގެންދަނީ ސަރުކާރުގެވެސް ބެލުމުގެ ދަށުންނެވެ. އަދި މިކަމާއި ގުޅޭ ހާއްސަ ޤަވާއިދުތަކެއްވެސް ވަނީ އެކުލަވާލާފައެވެ. އެހެންނަމަވެސް ކޮންމެ އަހަރަކުވެސް 100 އިން ބޮޑުމަހާއި ކޯމަސް ހިފާތީ ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ދަނީ މިކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.